ރޯޒް މަސްތާނީ ދަންނަންތަ؟ މިއީ ރޯދަ މަހަށް އެއްވަނަ!

ރަމަޟާން މަހަކީ ތަފާތު އެކި ބާވަތްތަކުގެ ކެއުންތަކާއި ބުއިންތަކުން ސުފުރާމަތި ވަރަށް ތަނަވަސްވާ މަހެކެވެ. ރާއްޖޭގައި ދަނޑުވެރިކަމުން އުފައްދާ ބާވަތްތަކުން ފެށިގެން ބޭރުގެ އުފެއްދުންތަކުންވެސް އާ ކެއުންތަކާއި ބުއިންތައް ތައްޔާރު ކުރެ އެވެ.
ގޭގެ ބަދިގޭގައި އުޅޭއިރު ފަހު ވަގުތު އެއްޗެއް މަދުވެގެން ނުވަތަ ހަނދާން ނެތިގެން ނުގަނެވިގެން އާ ރެސިޕީއެއް އުފަންވާ ހާލަތްތައް ބައެއް ފަހަރު އާދެ އެވެ.
ރަމަޟާން މަހު ދިވެހިންގެ އެންމެ ނުރަނގަޅު އާދައަކަށް ވެފައި އޮންނަނީ ތެޔޮ ލީ ބާވަތްތައް ސުފުރާ މަތީގައި ގިނަވުމެވެ. ހަގީގަތުގައި މި މަހަކީ ވީ މިންވަރަކުން ސިއްހަތަށް ފައިދާހުރި ބާވަތްތައް ގިނަ ކޮށްލަން މުހިންމުކަމެއް ދޭންވީ މަހެކެވެ.
ރޯޒް ސިރަޕަކީ ރަމަޟާން މަހު ވަރަށް އާންމު ބުއިމެކެވެ. ހާއްސަކޮށް ރެސްޓޯރެންޓުތަކާއި ކެފޭތަކުގައި ސަރުބަތު ވަރަށް އާންމުކޮށް ހުރެ އެވެ.
އެކި ގޮތްގޮތަށް ރޯޒް ސިރަޕު ތައްޔާރުކޮށް އުޅޭއިރު އާންމުކޮށް ރިސްޓޯރެންޓުތަކުގައި ލިބެން ހުންނަނީ ގެރިކިރާއި ރޯޒް ސިރަޕް އަޅައިގެން ގިރާފައި ހުންނަ ސަރުބަތެވެ. ބައެއް ގޭގޭގައި އިސްބަގޫލް އަޅައިގެންވެސް ރޯޒް ސިރަޕް ގިރައި އުޅެއެވެ.
ރޯޒް މަސްތާނީއަކީ ފަހަރުގައި ނަމާއި ބީރައްޓެހި ބުއިމަކަށް ވެދާނެ އެވެ. އެހެންނަމަވެސް މިއީ ބައެއް ގޭގޭގައި ތައްޔާރުކޮށް އުޅޭ އެއްޗެކެވެ. މިއީ ޕާކިސްތާނުގައި މި ބުއިމަށް ކިޔައި އުޅޭ ނަމެވެ. ރޯޒް މަސްތާނީ ތައްޔާރުކުރާއިރު ރޯޒް ސިރަޕާއިއެކު ގެރިކިރާއި އިސްބަގޫލް އަޅައެވެ. އަދި ފިނިކޮށްފައި ބެހެއްޓުމަށްފަހު ސާވް ކުރާއިރު މައްޗަށް ވެނީލާ އައިސްކްރީމް ސްކޫޕެއް ލައެވެ.
ބައެއް މީހުން ސްޓްރޯބެރީ އައިސްކްރީމްވެސް އަޅައެވެ. އެހެންނަމަވެސް ރޯޒް ސިރަޕާއި ސްޓްރޯބެރީ އެއްކުރުމުން ފަހަރުގައި ރަހަ ގަދަވެދާނެ އެވެ.
ފަނި ގިރާއިރުވެސް އަދި ރޯޒް ސިރަޕް ގިރާއިރުވެސް ވިސްނުމުގައި ބަހައްޓަންވީ ވަރަށް މުހިންމު ކަމެއް އެބަ އޮތެވެ. އެއީ ހަކުރު މާ ގިނަ ނުކުރުމެވެ. ރޯދަ މަހު ތެލާއިއެކު ސުފުރާ މަތީގައި އެންމެ ގިނަ އެއް ބާވަތަކީ ހަކުރެވެ. އެހެންނަމަވެސް ހަކުރު މަދުކުރުމަށް ރަމަޟާން މަހު ވަރަށް ބޮޑު އިސްކަމެއް ދޭން ވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ