ކުރީ ސަރުކާރުން ނެގި ބޮންޑާ ހެދި ފައިސާ މެނޭޖްކުރަން އުނދަގޫ: އަމީރު

ކުރީ ސަރުކާރުން 2017 ވަނަ އަހަރު ނެގި ސޮވެރިން ބޮންޑު އަނބުރާ ދައްކަން ޖެހިފައި އޮތުމަކީ މި ވަގުތު ފައިސާ މެނޭޖުކުރުމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ހުރަހެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.
މަޖިލީސް ކޮމިޓީގައި އަމީރު ވިދާޅުވީ ސަރުކާރުން ވިއްކި ސުކޫކުން ލިބުނު 191 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ދައްކަން ޖެހުނީ ސަރުކާރުން އެންމެ ފުރަތަމަ ނެގި ސޮވެރިން ބޮންޑުގެ ދަރަނި އަދާކުރަން ކަމަށެވެ. އެއީ 2017 ވަނަ އަހަރު އެވެ.
"ސަނީ ސައިޑް" ގެ ނަމުގައި 2017 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑެއް ވިއްކި އެވެ. އެއީ ބޭރުގެ މާކެޓަށް ރާއްޖެއިން ވިއްކި ފުރަތަމަ ބޮންޑެވެ. އޭރު މި ބޮންޑު ވިއްކީ ފަސް އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.
"2022 ގައި ޑިއުވާ 250 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) އެބައިން. އެއީ އެއްފަހަރާ ދައްކަން ޖެހޭ ބުލެޓް ޕޭމެންޓެއް. އެއީ [އެލިފެންޓް އިން ދަ ރޫމް]. އެއާ ހެދި އަސްލު ހަގީގަތުގައި ލިކުއިޑިޓީ މެނޭޖްމެންޓަށް ވަރަށް ބޮޑު އަސަރުތަކެއް ކުރޭ. އިންވެސްޓަރުންނަށް ވެސް މިހާލަތުގައި ޔަގީން ކަމެއް ނެތް 2022 ވަނަ އަހަރަށް ދާ އިރު އެ ޕޭ ކުރެވޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުުވީ، ދަރަނި އަދާކުރަން އެ ފައިސާ ދެއްކުމާ އެކު މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭ ދައުލަތުގެ ދަރަންޏަށް ކޮންމެވެސް ވަރެއްގެ ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. މި ފައިސާ ދެއްކުމުން އަންނަ އަހަރު ބާކީ ދައްކަން ޖެހޭނީ 58 މިލިއަން ޑޮލަރު (890 މިލިއަން ރުފިޔާ) އެވެ.
"ދެން އަޅުގނޑުމެން މާކެޓަށް ދައްޔާމު އަޅުގަނޑުމެންގެ ރޭޓިން ވެސް ރަނގަޅުވެގެންދާނެ. މިހާރު މޫޑީސްގެ އެންމެ ފަހުގެ ރިޕޯޓުގައި ވެސް އެބަ އޮތް އިމީޑިއެޓް ލިކުއިޑިޓީ ރިސްކެއް ނެތް ކަމަށް،" އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ދެން އަންނަ ރޭޓިން ރިވިއުއެއްގައި މޫޑީސްގެ ރޭޓިން ވެސް ރަނގަޅުވާނެ ކަމަށެވެ.
މިދިޔަ އަހަރު ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އިގްތިސާދު ހީނަރުވެ ރާއްޖޭގެ މޫޑީސް ރޭޓިން ވަނީ ބީ-2 އިން ބީ-3 އަށް ވެއްޓިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ