އިންޑިއާ ވިސާ ކިއު ނަންބަރު ފޯނު މެދުވެރިކޮށް

ބޭސް ފަރުވާކުރުމަށް އިންޑިއާއަށް ދާން މީހުން ވިސާ ހަދަން، ފޯނު މެދުވެރިކޮށް އިންޑިއަން ހައިކޮމިޝަނުން ނަމްބަރު ދޫކުރަން ފަށައިފި އެވެ. ހައި ކޮމިޝަނުން ބުނީ މިއީ ވިސާ އަށް ހުށަހަޅަން ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ ކުރިން ވެސް ލުއި ގޮތެއް ހޯދައިދޭން ގެނައި ވަގުތީ ހައްލެއް ކަމަށެވެ.
ވިސާ އަށް އެދި ފޯމު ހުށަހެޅުމަށް ދޫކުރާ ނަމްބަރު ސިސްޓަމުގައި މައްސަލައެއް ދިމާވެ، ނަމްބަރު ހޯދުމަށް ކިޔޫގައި އެތައް އިރަކު މަޑުކުރަން ޖެހިފައިވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. ނަމްބަރު ހޯދުމަށް، ހައި ކޮމިޝަން ކުރިމަތީ ބައެއް ރޭރޭ ދަންވަރުން ފެށިގެން ކިއޫ ހަދަ އެވެ.
ހައި ކޮމިޝަނުން ވަނީ އެ މައްސަލަ ދެތިން ދުވަހުގެ ތެރޭގައި ހައްލުވާނެ ކަމަށް ބުނެފަ އެވެ.
އެކަމަކު އިއްޔެ އެތަނުން ކުރި އިއުލާނެއްގައި ވަނީ މައްސަލަ ހައްލުވާންދެން، ފޯމު ހުށަހެޅުމުގެ ކުރިން އެތަނުގެ ހޮޓްލައިން ނަމްބަރު 7563947 އަށް ގުޅައި، އެޕޮއިންޓްމަންޓް ހެއްދުމަށް އެދިފަ އެވެ. ހުކުރު ދުވަސް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:30 އަށް ޓޯކެން ނަމްބަރު ހޯދޭނެ ކަމަށް ބުނެފައިވެ އެވެ.
ހައި ކޮމިޝަނުން ބުނީ އެތަނަށް ގޮސްގެން މި ވަގުތު ޓޯކެން ނަމްބަރު ނުލިބޭނެ ކަމަށާއި ހޮޓްލައިނަށް ގުޅުމުން، ކޮންމެ މީހަކަށް ވެސް ވަކި ވަގުތެއް ހަމަޖައްސައިދޭނެ ކަމަށެވެ.
"އެހެންވެ، އެންމެން ވެސް ކަނޑައެޅިފައިވާ ވަގުތުގައި، ވިސާ ހެއްދުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާ އެކު އައުމަށް ދެންނެވީމެވެ." ހައި ކޮމިޝަނުގެ އިއުލާނުގައި ބުނެފައިވެ އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އިންޑިއާގެ ބޯޑަރުތައް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން ދިވެހިންނަށް އިންޑިއާ އަށް ބޭހަށް ދިއުމަށް މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ވަނީ ހުޅުވާލައިފަ އެވެ.
މިހާތަނަށް 5،000 މެޑިކަލް ވިސާ ދޫކޮށްފައިވާއިރު މި އަހަރު މިހާތަނަށް އެކަނި ވެސް 2،000 މެޑިކަލް ވިސާ ދޫކޮށްފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ