ރައީސް ޔާމީން ވަޑައިގަތުމާ އެކު ވިލިނގިލީ ރައްޔިތުން މުޒާހަރާ ކުރަން ފަށައިފި

ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދެކަނބަލުން ގއ. އަތޮޅު ވިލިނގިއްޔަށް ވަޑައިގަތުމާއި އެކު އެރަށު ރައްޔިތުން އަނިޔާވެރިކަން ހުއްޓާލުމަށް ގޮވާލާ މުޒާހަރާ ކުރަން ފަށައިފިއެވެ.
ރައީސް ޔާމީން ވަޑައިގަތުމާއި އެކު އެރަށުގެ 200 އެއްހާ މީހުން ވަނީ އެރަށުގައި ހުންނަ އަތޮޅުގެ ކައިރިއަށް އެއްވެ އިހްތިޖާޖް ކުރަން ފަށައިފައެވެ. ނަމަވެސް ފުލުހުން ވަނީ ބެރިކޭޑް ފަދަ ތަކެތި ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިން ރަށު ބަނދަރުގައި ރައީސް ޔާމީން ހުންނެވި ސަރަޙައްދަށް ދިޔުމަށް ހުރަސް އަޅައިފައެވެ.
ފުލުހުން ހަރަކާތްތެރި ވަމުން ދިޔަ ނަމަވެސް އެރަށުގެ އެކި ސަރަޙައްދު ތަކުގައި ރައީސް ޔާމީންގެ އިސްތިއުފާއަށާއި, އަނިޔާވެރިކަން ހުއްޓާލުމަށް ގޮވާލާ ރައްޔިތުން ދަނީ އިހްތިޖާޖް ކުރަމުންނެވެ. އަދި ރިޝްވަތުގެ ހަޑި އަމަލުތަކުން އެއްކިބާވުމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިމާޔާތްދީ އެބޭފުޅުންނާއި މެދު އަނިޔާވެރިކޮށް އަމަލުތައް ނުބެހެއްޓުމަށް ވެސް ދަނީ ގޮވައިލަމުންނެވެ. އަދި މީގެ އިތުރުން ވިލިނގިލީ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި ސައުދު ހުސައިނަކީ އަދި ވެސް ރައްޔިތުންގެ މެންބަރު ކަމަށާއި ސައުދުގެ ގޮނޑި ގެއްކުފައި ނުވާ ކަމަށް ވެސް ވިލިނގިލީ ރައްޔިތުން ދަނީ ވަރަށް އަޑުގަދަކޮށް އަނގައިންނާއި ބެނަރ އަދި ޕޯސްޓަތަކުގެ ޒަރިއްޔާ އިން ވެސް ބުނަމުންނެވެ.
މިމުޒާހަރާގެ ސަބަބުން ޕީޕީއެމްއަށް ނިސްބަތްވާ އެޕާޓީގެ މެންބަރުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަނީ ހަމަނުޖެހުންތަކެއް ވެސް ހިނގައިފައެވެ. ނަމަވެސް ފުލުހުން ވަނީ މިހަމަނުޖެހުން ގަނޑު ކޮންޓްރޯލް ކޮށްފައެވެ. އަދި މިހާތަނަށް ފުލުހުން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ