ވަޒީފާއަށް ޓަކައި އަޅުގަނޑާއި ބެހޭ ގޮތުން ގޯސް ވާހަކަ ދެއްކިޔަސް އެންމެ ރަނގަޅު: ރައީސް މައުމޫން

ސަރުކާރުގެ އެކި އެކި މަޤާމުތަކުގައްޔާއި އެކި އެކި އިދާރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ވަޒީފާތައް ސަލާތްކުރެވެން އޮތީ ރައީސް މައުމޫނާއި ބެހޭ ގޮތުން ގޯސް ވާހަކަ ދައްކައިގެން ކަމަށް ވާ ނަމަ އެކަން އެގޮތަށް ކުރެއްވިޔަސް އެންމެ ރަނގަޅު ކަމުގައި އެމަނިކުފާނު ވިދާޅު ވެއްޖެއެވެ.
ރޭ މ. ކުނޫޒުގައި އިދިކޮޅު އިއްތިހާދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ވަޒީފާގައި ދެމި ތިބެ ވަޒީފާ ކުރިއެރުވެން އޮތީ މީޑިޔާގައި އެފަދަ ވާހަކަތައް ދައްކަވައިގެން ކަމަށްވާ ނަމަ އެކަން ކުރެއްވިޔަސް އެމަނިކުފާނުގެ މައްސަލައެއް ނެތް ކަމަށާއި އެއްވެސް ބޭފުޅަކު ގޮވައިގެން ކޯޓަށް ވަޑައިނުގަންނަވާނޭ ކަމަށެވެ. އަދި އެމަނިކުފާނު އެދެނީ އެފަދަ ބޭފުޅުންނަށް ތަރައްގީއާއި އިތުރު ކާމިޔާބީ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވަނީ ނުސީދާ ގޮތެއްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރަށް ފާޑު ކިޔުއްވާ ޖޯކް ޖައްސަވައިފައެވެ. އެގޮތުން އާދީއްތަ ދުވަހުގެ ރޭ ޕީޕީއެމްގެ ރާސްޓަސް ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގައި 30 އަހަރު ދުވަހު ވެރިކަން ކުރެއްވި ބޭފުޅަކަށް ޗައިނާގެ ބޮޑު މާކެޓް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. މިވާހަކަފުޅަށް އިޝާރަތް ކުރައްވާ ރައީސް މައުމޫން ވިދާޅުވީ ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް އަންނަން ފެށީ އެމަނިކުފާނު އެޤައުމުގެ ބޮޑު ވަޒީރަށް އިޙްތިރާމް ކުރައްވާ ގާތް ގުޅުމެއް ބާއްވާން ފެއްޓެވުމުން ކަމަށެވެ.
އަދި މީގެ އިތުރުން މޫސާ ޒަމީރަށް ފާޑު ކިޔުއްވަމުން ރައީސް މައުމޫން ވަނީ އެމަނިކުފާނު އެބޭފުޅާއަށް ކޮށްދެއްވި ހެޔޮ ކަންތައްތައް ހަނދާން ނައްތާލީތޯ ސުވާލު ކުރައްވައިފައެވެ. އެގޮތުން 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނާކާމިޔާބުވުމުން އެބޭފުޅާގެ މާޔޫސްކަން ދުރުކުރުވަން މިނިސްޓަރު ކަމަށް ގެންނެވުމަށް ކޮށްދެއްވި މަސައްކަތް ވެސް ވަނީ ފާހަގަ ކުރައްވައިފައެވެ. މިހުރިހާ ވާހަކައެއް ދެއްކެވި އިރު ވެސް ރައީސް މައުމޫން އެބޭފުޅާގެ ނަން ފާހަގަ ކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ