ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާ ބައްދަލުކުރެއްވުމަށް އޭނާގެ ބައްޕަ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު މާފުށި ޖަލަށް ވަޑައިގެންފި އެވެ.
ފާރިސް މައުމޫން މިދިޔަ ޖުލައި މަހުގެ 18 ވަަނަ ދުވަހު ޖަލުގައި ބަންދުކުރި ފަހުން ރައީސް މައުމޫން ޖަލަށް ވަޑައިގެން ފާރިސްއާ ބައްދަލުކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.
މައުމޫނާ އެކު މިއަދު ޖަލަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ފާެރިސްގެ ދައްތަ އަދި މިސަރުކާރުގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ވެސް ހިމެނިވަޑައިގަންނަވަ އެވެ. ފާރިސްގައި ޖަލުގައި ހައްޔަރުކުރި ފަހުން މިއީ ދުންޔާ ވެސް ޖަލަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ފާރިސްގެ މަންމަ ނަސްރީނާ އިބްރާހީމާއި ދައްތަ ޔުމްނާ މައުމޫން ވަނީ މާފުށި ޖަލަށް ވަޑައިގެން ފާރިސްއާ ބައްދަލުކުރައްވާފަ އެެވެ.
ފާރިސް ޖަލުގައި ބަންދުކުރި މައްސަލާގައި ރައީސް މައުމޫނާއި ދުންޔާ މައުމޫން ގެންދަވަނީ ވަރަށް ބޮޑަށް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކަށް ފާޑު ވިދާޅުވަމުންނެެވެ. އަދި ފާރިސްގެ މައްސަލާގައި ރައީސް މައުމޫން މީގެ ކުރިން ވަނީ ބޭރު ދުނިޔޭގެ ބަހާ އަމަލު ދިމާނުވާ ކަމަށް ވިދާޅުވެ ބައިނަލްއަގްވާމީ މުޖުތަމައަށް ވެސް ފާޑު ވިދާޅުވެފަ އެވެ.
މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކުރި ފަހުން މަހަކަށް ވުރެ ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު އަދިވެސް އޭނާގެ ޝަރީއަތް ފަށާފައެއް ނުވެ އެވެ.
ފާރިސްގެ ޝަރީއަތް ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސް މައުމޫނާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް މީގެ ކުރިން ވަނީ ކޯޓުގެ އަޑުއެހުމަކަށް ވެސް ވަޑައިގެންފަ އެވެ.
ފާރިސްއާ މެދު ދައުލަތުގެ މުއައްސަސާތަކުން ތަފާތުކުރުން ގެންގުޅޭ ކަމަށާއި އަދި އޭނާއަށް ލިބިވަޑައިގަންނަވަންޖެހޭ ބައެއް ހައްގުތަކުން މަހްރޫމް ކޮށްފައިވާ ކަމަށް ވިދާޅުވެ ފާރިސްގެ އާއިލާއާއި ގާނޫނީ ޓީމުން ގެންދަނީ ޓީމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޕީޕީއެމްގެ މެންބަރު ކަމުން ވަކިކުރި ފަހުން ޕީޕީއެމްގެ ހުއްދައާ ނުލައި މިއަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު މޫކައި ސްއިޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސް މައުމޫން ޕީޕީއެމްގެ ދިދަ ބޭނުންކޮށްފައިވާ ކަމަށް ބުނެ ދައުލަތުން ވަނީ އޭނާގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާ ވެސް އުފުލާފަ އެވެ. މިދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.
ފާރިސް ވަނީ ޝަހުސު އޮޅުވާލުމުގެ ދައުވާ އަށާއި މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ކުރެވޭ ތުހުމަތުތަކަށް ޝަރީއަތުގެ މަޖިލީހުގައި ތަކުރާރުކޮށް އިންކާރުކުރައްވާފަ އެވެ.'
ރައީސް މައުމޫން ޖަލަށް ވަޑައިގެން ފާރިސްއާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ