ވެރޯނާ، އިޓަލީ (ޖުލައި 19) – ފުޓްބޯޅަ ކުޅުން ހުއްޓާލީ ކަމަށް އިއްޔެ ހެނދުނު ބުނި ހެލަސް ވެރޯނާގެ އިޓަލީ ފޯވާޑް އެންޓޯނިއޯ ކަސާނޯ ނުވަ ވަރަކަށް ގަޑިއިރު ފަހުން އެ ނިންމުން ބަދަލުކޮށް އަލުން ކުޅޭ ގޮތަށް ނިންމައިފި އެވެ.
އިޓާލިއަން ލީގަށް އަލަށް ޕްރޮމޯޓްވި ވެރޯނާ އަށް އުމުރުން 35 އަހަރުގެ ފޯވާޑް ސޮއިކުރީ ވެސް މީގެ އަށެއްކަ ދުވަސް ކުރިންނެވެ. އެކަމަކު އާއިލާއާ ވަކިން ދުރުގައި ނުހުރެވޭނެ ކަމަށް ބުނެ އޭނާ ވަނީ ރިޓަޔާކުރާކަން އިއްޔެ ހެނދުނު ކްލަބަށް އަންގައިފަ އެވެ.
އެކަމަކު ރެއާލް މެޑްރިޑުގެ ކުރީގެ ފޯވާޑް ވަނީ އިއްޔެ ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެ ނިންމުން ބަދަލުކުރިކަން އިއުލާންކޮށްފަ އެވެ.
"މިއަދު ހެނދުނު އަހަރެން ވަރަށް ބަލިކަށިވި (ނަފްސާނީ ގޮތުން). އަހަރެން ހެޑްކޯޗާއި އެހެން މީހުންނާ އެކު ބައްދަލުވުމެއް ބާއްވައި ބުނިން ހުއްޓާލަން ބޭނުންވާ ވާހަކަ،" ކަސާނޯ ބުންޏެވެ.
އޭނާ ބުނީ ކްލަބުން ހިތްވަރުދިން ކަމަށާއި އަދި އާއިލާ އޭނާ ގާތަށް އަންނަން އެދިފައިވާ ކަމަށެވެ. އަދި މިކަމުން އަރައިގަނެ ކުރިއަށް އޮތް ސީޒަނުގައި މޮޅު ކުޅުމެއް ދައްކަން މިހާރު އަޒުމް ކަނޑައަޅާފައިވާ ކަމަށެވެ.
ކަސާނޯ އާއި އޭނާގެ އާއިލާ ދިރިއުޅެނީ ވެރޯނާއާ 300 ކިލޯމީޓަރު ދުރުގައި އޮންނަ ޖެނޯއާގަ އެވެ. މިއީ ކާރުގައި ނަމަ ގާތްގަނޑަކަށް ދެ ގަޑިއިރާއި ބައިގެ ދަތުރެކެވެ.
އިޓަލީގައި އުފެދުނު އެންމެ ހުނަރުވެރި އެއް ފޯވާޑުގެ ކެރިއަރަށް ހިޔަނި އެޅުނީ އަހުލާގީ ތަފާތު މައްސަލަތަކާ ހެދި އަދި ބައެއް ފަހަރު ސީރިއަސްކަން ކުޑަވުމުންނެވެ.
ރޯމާގައި ވިދާލި ފޯވާޑް ވަނީ 2006 އިން 2009 އަށް ރެއާލް މެޑްރިޑަށް ކުޅެ އެ ޓީމާ އެކު ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ. އޭގެ ފަހުން ފޯމް ގެއްލުނު ނަމަވެސް 2011 ވަނަ އަހަރު އޭސީ މިލާނަށް ބަދަލުވެ ކުރީގެ ކުޅުން ދައްކައި އެ ޓީމާ އެކު އިޓާލިއަން ލީގު ކާމިޔާބުކުރި އެވެ. އަދި 2012 ވަނަ އަހަރުގެ ޔޫރޯގެ ދެ ވަނަ ހޯދި އިޓަލީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދެއްކި އެވެ. އެދުވަސްވަރު އޭނާ އަށް ހިތުގެ މައްސަލައެއް ދިމާވި އިރު ފަހުން އަނެއްކާ ވަނީ ފޯމުން ކަޓައިފަ އެވެ.
ހެނދުނު ރިޓަޔާކުރި ކަސާނޯ ހަވީރު އެނިންމުން ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ