ރައީސް މައުމޫނު ރާއްޖެ ވަޑައިގަންނަވައިފި

ސިންގަޕޫރަށް ކުރައްވާ 10 ދުވަހުގެ ދަތުރުފުޅެއް ކުރުކޮށްލެއްވުމަށް ފަހު ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް މިރޭ ރާއްވަޑައި ގަންނަވައިފިއެވެ.
ދިހަ ދުވަހުގެ ދަތުރުފުޅެއްގައި ރައީސް މައުމޫނު ސިންގަޕޫރަށް ފުރައި ވަޑައިގެންނެވީ މިމަހުގެ އަށް ވަނަ ދުވަހުއެވެ. ނަމަވެސް ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު ކުއްލި ގޮތަކަށް މިރޭ ރާއްޖެވަޑައިގެންނެވުމަށް ނިންމެވި ސަބަބެއް ސާފެއް ނުވެއެވެ.
ރައީސް މައުމޫނު މިރޭ ރާއްޖެވަޑައިގަންނަވާފައިވަނީ 23:05 ގައި ސިންގަޕޫރު އެއާލައިންސްގެ ފްލައިޓުން ނެވެ.
ރައީސް މައުމޫނު ސިންގަޕޫރު ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު ކުއްލި ގޮތަކަށް މިރޭ ރާއްޖެ ވަޑައިގެންނެވި އިރު އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަހު އަހުމަދު ފާރިޝް މައުމޫނުގެ މައްޗަށް ދައުލަތުންކުރާ ދައުވާގެ އަޑު އެހުން ކުއްލި ގޮތަކަށް އަވަސްކޮށް އަންނަ ހޯމަ ދުވަހަށްވަނީ ތާވަލުކޮށްފައެވެ.
ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށް އިދިކޮޅު ލީޑަރުން މިރޭވަނީ އެއާޕޯޓަށް ވަޑައިގަންނަވާފައެވެ. ނަމަވެސް މާލެއިން ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށް ރަސްމީ ފާލަންދޮށަށް ދިޔަ ރައްޔިތުންނާއި އިވެންޓް ކަވަރު ކުރުމަށް ދިޔަ ނޫސްވެރިންވަނީ ފުލުހުން އެމްއެމްއޭ ސަރަހައްދަށް ފަހަތައް ޖައްސާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ