ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭން ޖެހޭ ފައިސާތައް ގާނޫނުގައި ބުނެފައިވާ މުއްދަތުގައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ވީއެފްޕީއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކުރަމް މިއަދު ވިދާޅުވީ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ފައިސާ ދޭން ޖެހޭނެ ކަމަށް ބުނެފައި އޮތް ނަމަވެސް އެ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ނުލާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ މުއްދަތު އަދި ހަމަނުވާ ކަމަށް އަކްރަމް ވިދާޅުވެފައިވެއެވެ.
އަކްރަމް ވިދާޅުވިގޮތުގައި ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ފައިސާތައް ހަވާލު ކުރުމަށް އެކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.
އިލެކްޝަނުން ބުނެފައިވާ ގޮތުގައި ޕާޓީތަކަށް ފައިސާ ދިނުމުގައި ތިން ކަމަކަށް އިލެކްޝަނުން ރިއާޔަތް ކުރަން ޖެހެއެވެ. އެއީ ވޭތުވެ ދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި، އޮޑިޓު ރިޕޯޓާއި، ޕާޓީގެ މަގުސަދުތައް ހާސިލު ކުރަން މަސައްކަތްކޮށްފައިވާ މިންވަރެވެ.
އަދި މީގެ އިތުރުން ޕާޓީތަކަށް ދޭނެ ފައިސާ ކަނޑައަޅާނީ އެ ޕާޓީއެއްގައި މެންބަރުން ތިބި ނިސްބަތުންނެވެ.
ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޭ ފައިސާގެ ޖުމްލަ އަދަދު މުޅި ބަޖެޓުގެ 0.2 އިންސައްތައަށްވުރެ އިތުރުވެގެން ނުވާނެއެވެ.
ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް ފައިސާ ދޭން ޖެހޭނީ ހަމައެކަނި 10000 މެންބަރުންނަށްވުރެ އިތުރަށް މެންބަރުން ތިބޭ ޕާޓީތަކަށް އެކަނި ކަމަށް ވަނީ ކަނޑައަޅާފައެވެ.
އިލްކެޝަންސް ކޮމިޝަނުގެ ދަފުތަރަށް ބަލާއިރު ފައިސާ ދޭން ޖެހެނީ ހަތަރު ޕާޓީއަކަށެވެ. އެއީ ޕީޕީއެމާއި އެމްޑީޕީއާއި އެމްޑިއޭއާއި ޖޭޕީއަށެވެ.
ޕާޓީތަކަށް ފައިސާދޭން ބުނެފައިވާ މުއްދަތުގައި ފައިސާ ދޭން މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަނުން ބުނެފައިވާ އިރު އިދިކޮޅު ފަރާތްތަކުން ދަނީ އެ މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ.
ޕާޓީތަކަށް ފައިސާ ދޫކުރުމަށް އިލެކްޝަނުން ފިނޭންސަށް ފޮނުވި ނަމަވެސް މިދިޔަ އަހަރު ވެސް ޕާޓީތަކަށް ފައިސާ ދޫކޮށްފައިވަނީ އަހަރު ނިމެން ކައިރިވެފައި ވަނިކޮށެވެ. ޕާޓީތަކުން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުން އެގޮތަށް އަމަލު ކުރަނީ ދަތި ކުރުމަށެވެ.
ޕާޓީތަކަށް ފައިސާ ދިނުމަށް ކޮމިޝަނުންދަނީ މަސައްކަތްް ކުރަމުން: އަކްރަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ