މާލޭ ސިޓީ ކައުންސިލުގެ އެތެރޭގެ އޮޑިޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި އެކަމުގައި ޝާމިލުވާ މީހުންގެ މައުލޫމާތު ހޯދަން އެދުމުން، އެ މައުލޫމާތުތައް ދެވެން ނެތް ކަމަށް އެ ކައުންސިލުގެ އިންފޮމޭޝަން އޮފިސަރު ނިންމެވީ ކައުންސިލާ މަޝްވަރާނުކޮށް ކަމަށާއި އެކަމުގައި ޝާމިލުވާ މުވައްޒަފުންނަށް ފިޔަވަޅު އަޅާނެ ކަމަށް މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވިއިރު ސިޓީ ކައުންސިލުގެ ތެރެއިން ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމަށް އިދިކޮޅުން ދަނީ ތުހުމަތުކުރަމުންނެވެ. އެފަދަ މައްސަލަތަކެއް އުޅޭތީ މާލޭ ކައުންސިލުގެ އެތެރޭގެ ދެ އޮޑިޓެއް ހަދައި އެކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަށް އޭސީސީއަށް ވެސް ފޮނުވާފައިވާ ކަމަށް މިހާރުގެ މޭޔަރު، އެމްޑީޕީގެ އާޒިމް ވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
އެ މައުލޫމާތު ހޯދަން އާންމު ފަރާތަކުން އާރުޓީއައިއަށް ހުށަހެޅި އެވެ. އެކަމާ ގުޅިގެން:
ގާނޫނުގައި ބުނާ މުއްދަތު ހަމަވި ފަހުން ކައުންސިލުން ފުރަތަމަ ދީފައިވާ ޖަވާބަކީ، ކައުންސިލުގެ ރަސްމީ އާންމު ޖަލްސާއަކުން ފާސްކުރުމަށް ފަހު އެ މައުލޫމާތު ޝާއިއުކުރެވޭނެ ކަމަށް
އެ ޖަވާބާ ގުޅިގެން، މައުލޫމާތު ހޯދަން އެދުނު ފަރާތުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އަށް މައްސަލަ ހުށަހެޅި
ކައުންސިލުން އައިކޮމްއަށް ފޮނުވާފައިވާ ޖަވާބުގައި ވަނީ، އާރުޓީއައި ގާނޫނުގެ 30 ވަނަ މާއްދާގެ ހ. އަދި ށ.އަށް ރިއާޔަތްކޮށް، ދައުލަތުގެ މާލީ އަދި އިގުތިސޯދީ މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުން އެ މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށް
އެކަމަކު އައިކޮމް އިން ބުނީ، ޖެނުއަރީ މަހު ދިން ޖަވާބުގައި އެއީ ޝާއިއުކުރެވޭނެ މައުލޫމާތެއް ކަމަށް ބުނެފައިވާތީ، އެ މައުލޫމާތަކީ ހިއްސާކުރުމުން އިގްތިސޯދީ މަސްލަހަތަށް ބުރުއަރާނެ މައުލޫމާތެއް ނޫންކަން އެނގޭ ކަމަށެވެ. އެެހެންވެ، ތިން ދުވަހުގެ ތެރޭގައި އަލުން ޖަވާބު ދިނުމަށް ކައުންސިލަށް އެންގި އެވެ.
ބުނީ ކީކޭ؟ - މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ރަސްމީ އާންމު ޖަލްސާގައި އާޒިމް ވިދާޅުވީ، އެ ކައުންސިލަކީ ހާމަކަން ބޮޑު، ރައްޔިތުން ބޭނުންވާ މައުލޫމާތުތައް އަބަދު ވެސް ހިއްސާކުރާނެ ކައުންސިލެއް ކަމަށެވެ. ކޮރަޕްޝަންގެ މައުލޫމާތު ނުދޭން އެ ކައުންސިލުގެ އިންފޮމޭޝަން އޮފިސަރު ނިންމީ އޭނާއަށް ވެސް އަދި ކައުންސިލަށް ވެސް އެނގުމެއްނެތި ކަމަށް އާޒިމް ވިދާޅުވި އެވެ.
"އިއްޔެ އޮތް އައިކޮމް އަޑުއެހުމަށް، މިކޮޅުގެ އިންފޮމޭޝަން ކޮމިޝަނަރު އަޅުގަނޑާ މަޝްވަރާ ނުކޮށް އަދި މިކޮޅުގެ އެސްޖީއާ ވެސް މަޝްވަރާނުކޮށް އަމިއްލައަށް ދީފައިވާ މައުލޫމާތެއް އެ މައުލޫމާތަކީ. މިތަނުގައި އާރުޓީއަށް ދޭންވާ މައުލޫމާތު ދިނުމަށް ވަރަށް އިސްކަމެއް ދެން،" އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ:
އާރުޓީއައިއަށް ދޭންޖެހޭ މައުލޫމާތުތަކަށް ހާއްސަކޮށް ކޮންމެ ހަފްތާއަކު އެކްޒެކެޓިވް ބައްދަލުވުމެއް 2025 ވަނަ އަހަރުން ފެށިގެން އަންނަނީ ބާއްވަމުން؛ އޭގެ ބައްދަލުވުމެއް މިދިޔަ ހޯމަ ދުވަހު ވެސް ބޭއްވި
އާރުޓީއައިއެއް އިންފޮމޭޝަން ކޮމިޝަނަރަށް ލިބުމުން މޭޔަރު އަދި އެސްޖީގެ އިތުރުން ލީގަލް ޑިޕާޓްމަންޓަށް އެކަން ހިއްސާކުރަންޖެހޭނެ؛ އެކަމަކު އެ މައުލޫމާތެއް ނުދޭ
އިއްޔެ އައިކޮމްއަށް ފޮނުވި ޖަވާބަކީ، އިންފޮމޭޝަން އޮފިސަރުގެ އަމިއްލަ ހައިސިއްޔަތުން ފޮނުވާފައިވާ ޖަވާބެއް؛ އެއީ ކައުންސިލުގެ ވިސްނުމެއް ނޫން
މުވައްޒަފުން ދޭން ބޭނުންނުވާ މައުލޫމާތެއް ވެއްޖެ ނަމަ ވެސް، ކައުންސިލަރުންނަށް އެނގިގެން ނޫނީ އެ މައުލޫމާތު ނުދެވޭނެ ކަމަށް ނުބުނަން ކުރިން ވެސް އަންގާފައިވާނެ؛ އެ ނިންމުން ނިންމާނީ ކައުންސިލުގައި އިސްކޮށް ހުންނަ މީހާ
"އެހެންވީމާ އެ ވަރަށް ވެސް ބުނެފައި އޮއްވާ، އެކަމެއް އެ ކުރީ އިއްޔެގައި. އެހެންވީމާ އެކަމާ ގުޅިގެން އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅުތައް މުވައްޒަފުންނާ މެދު އަޅަމުންދާނެ ވާހަކަ ދަންނަވަން. ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ މާލެ ކައުންސިލުގައި ގާނޫނީ އިމުގެ ތެރެއިން ދޭން ބޭނުންވާ މައުލޫމާތެއް ނުދީ އަޅުގަނޑުމެން ނުބަހައްޓާނެކަމުގެ ޔަގީންކަން،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ، އޮޑިޓް ރިޕޯޓުތަކާއި މާލޭ ބިންތަކުގެ މައުލޫމާތުތައް އާންމުކުރުމަކީ މިހާތަނަށް ކައުންސިލުން ކުރި ކަމެއް ނޫން ކަމަށާއި އެކަމަކު މައްސަލައެއް ޖެހިއްޖެ ނަމަ އޭގެ ޒިންމާ އާޒިމް ނަންގަވާ ގޮތަށް އެ މައުލޫމާތުތައް ވެސް ހުންނާނީ އާންމުކޮށްފައި ކަމަށް އާޒިމް ވިދާޅުވި އެވެ.
ކައުންސިލުގެ އެސްޖީ އަބްދުލް މުހައިމިން ނަސީރު ވިދާޅުވީ، އެ މައުލޫމާތު ހޯދަން އެދި އާންމު ފަރާތަކުން ހުށަހެޅީ މިދިޔަ އަހަރު ކަމަށެވެ. އޭނާ ވިދާޅުވީ:
އެ މައުލޫމާތު ފަހުން ޝާއިއުކުރެނެ ކަމަށް 18 ޖެނުއަރީގައި ފޮނުވި ޖަވާބުގައި ބުނެފައިވަނީ ޕީއެންސީގެ މެޖޯރިޓީ އޮތް ކައުންސިލުގެ މިދިޔަ ދައުރުގައި ކައުންސިލުން އެކަމަށް ވަކި ޖަވާބެއް ނުދީ އޮތުމުން ކަމަށް
މިދިޔަ އަންގާރަ ދުވަހު ބޭއްވި އެޗްއޯޑީ ބައްދަލުވުމުގައި ވެސް އާރުޓީއައިއާ ގުޅޭ އެއްވެސް ކަމެއް އޮތްތޯ ތަކުރާރުކޮށް އެހުމުން އެކަހަލަ އެއްވެސް ކަމެއް ނެތް ކަމަށް ބުނެފައިވާ ކަމަށް
އީމެއިލްތައް ޗެކުކުރިއިރު އައިކޮމް އަޑުއެހުމަށް ވަންނަން އޮތް ވަގުތުގައި ގާނޫނީ ގޮތުން ނުވެސް ގުޅޭ ޖަވާބެއް އައިކޮމްއަށް ފޮނުވާފައިވޭ
މިއީ އާރުޓީއައި މައުލޫމާތު ދިނުމަށް ކައުންސިލުގައި އޮންނަ އުސޫލުތަކާ ހިލާފަށް ކައުންސިލުގެ އިދާރީ އިސްވެރިންނަށް އެނގުމަކާނުލައި ކޮށްފަ އޮތް ކަމެއް
އެކަމާ ގުޅިގެން ބަޔާންތައް ނެގި، އެކަމުގައި ޝާމިލުވާ މުވައްޒަފުންނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން
ކޮރަޕްޝަން މައުލޫމާތު ނުދިނީ ނޭނގި، ފިޔަވަޅު އަޅާނަން: މާލޭ ސިޓީ ކައުންސިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ