އީރާނާއެކު އެމެރިކާއިން ސޮއިކުރި އެމްއޯޔޫ، ޓްރަމްޕް އުވާލައިފި

އަންކަރާ (8 ޖުލައި 2026): އީރާނާއެކު މިދިޔަ ޖޫން މަހު އެމެރިކާ ސޮއިކުރި އެމްއޯޔޫ އުވާލިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކޮށްފިއެވެ. ތުރުކީގެ ވެރި ރަށް އަންކަރާގައި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރުތޫ އާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު އެމެރިކާ އީރާނާއެކު ސޮއިކުރި އެއްބަސްވުން ނިމުމަކަށް އައިސްފި ކަމަށާއި ސުލްހަވެރި ގޮތުގައި އީރާނާ މުއާމަލާތް ކުރުމަކީ ބޭކާރު ކަމެއް ކަމުގައެވެ. އަދި އެއީ ވަގުތު ނަގާލުމެއް ކަމުގައި ޓްރަމްޕް ސިފަކުރިއެވެ. ދެން ސުލްހަވެރި ގޮތުގައި އީރާނާ މުއާމަލާތް ނުކުރާނެ ކަމަށާއި އެމެރިކާ ދެން ކަންކުރާނީ އެމެރިކާއަށް ފެންނަ ގޮތަކަށް ކަމަށް ވެސް ޓްރަމްޕް ބުންޏެވެ. ޓްރަމްޕްގެ ވާހަކައިގައި އީރާނުގެ ވެރިންނަކީ އާދަޔާ ޚިލާފު ނުބައި ބައެއް ކަމަށާއި އެއީ ބަލިމަޑުކަމެއްގައި ތިބި މުޑުދާރު ބައެއްކަމަށް ވެސް ސިފަކުރިއެވެ. އީރާނަށް ނިއުކްލިޔާ ހަތިޔާރު ހެދުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ބުނެ ޓްރަމްޕް އަބަދު ތަކުރާރުކޮށް ދައްކާ ވާހަކަތައް މިފަހަރު ވެސް އޭނާ އަލުން ތަކުރާރު ކުރިއެވެ. ޓްރަމްޕް މި މޭރުމުން ވާހަކަ ދެއްކުމުގެ ކުރިން ހުރުމުޒު ކަނޑުއޮޅީގައި އީރާނާއި އެމެރިކާ ވަނީ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އެ ހަމަލާތަކަށްފަހު ޓްރަމްޕް ވަނީ އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުމާ ދެކޮޅަށް އެމެރިކާ އެކަހެރި ގޮތެއްގައި އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އިއާދަ ކުރިކަން ވެސް އިއުލާންކޮށްފައެވެ. އެމްއޯޔޫ އާ ގުޅިގެން މިދިޔަ މަހު ޓްރަމްޕް ވަނީ އީރާނުގެ ތެލާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތީ ގޮތުން އުވާލާފައެވެ. އެމްއޯޔޫ އުވާލައި އީރާނަށް އަލުން ހަމަލާދޭންޖެހޭ ކަމަށް ބުނެ ޓްރަމްޕް ދެއްކި ވާހަކަތަކާ ގުޅިގެން އީރާނުގެ ރައިސް ޑރ. މަސްއޫދު ޕަޒެޝްކިޔާން ވިދާޅުވީ އެމެރިކާ ހިންގާ ޓެރަރިޒަމާއި އަނިޔާވެރިކަން އަދި ޣައިރު ގާނޫނީ އަމަލުތަކުގެ ކުރިމަތީގައި އީރާން ކުޑަކަކޫ ނުޖަހާނެ ކަމުގައެވެ. އަދި އެމެރިކާއާއި ޔަހޫދީންގެ ޓެރަރިޒަމްގެ އަމަލުތަކުގެ ކުރިމަތީގައި އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު އީރާނަށް ލިބިގެންވާ ކަމަށް ވެސް އީރާނުގެ ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ