މަޖިލީހުގެ މެންބަރުންނަށް ބިރެއް ނުދެއްކޭނެ: މައުމޫން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެއްވެސް ފަރާތަކަށް ބިރު ނުދެއްކޭނެކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިމިވަނީ ވޯޓް ނުދޭ މެންބަރުންގެ ދާއިރާތަކުގައި މަޝްރޫއުތައް ހިންގަން ދަތިވާނެކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވުމުން އެއީ މެންބަރުންނަށް ބިރުދައްކާ ނުފޫޒް ފޯރުވުމަށް ކުރެެއްވިކަމެއްކަމަށް ގިނަ ބަޔަކު ބުނަމުންދާ ވަގުތެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންކަމަށެވެ.
އަދި މަޖިލީހުގެ މެންބަރުނަށް އެއްވެސް ފަރާތަކަށް ބިރު ނުދެއްކޭނެކަމަށް މައުމޫން ވިދާޅުވިއެވެ.
ވޯޓް ނުދޭ މެންބަރުންގެ ދާއިރާތަކުގައި މަޝްރޫއުތައް ހިންގަން ދަތިވާނެކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވުމުން ގިނަ ބަޔަކު ގެންދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވަނީ މިނިސްޓަރުގެ މި ވާހަކަތަކަކީ ވޯޓަށް ނުފޫޒް ފޯރުވުން ނޫންތޯ ސުވާލު ކުރައްވާފައެވެ.
އަދި މިއީ ރިސްވަތު ދިނުން ނޫންތޯވެސް އެކަމަނާ ވަނީ ސުވާލު ކުރައްވާފައެވެ.
ގާނޫންގައި ބުނާ އަދަދު ހަމަކޮށްގެން ބަޖެޓަށް ވޯޓަށް އަހާ ބަޖެޓް ފާސްކުރެވޭނެ އަދަދަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން މަޖިލީހުގައި ނެތްއިރު، ފިނޭސް މިނިސްޓަރު ބަޖެޓް ކޮމެޓީގައި ވާހަކަދެއްކެވީ މެންބަރުންގެ ވޯޓް ބަޖެޓަށް ހޯދުމަށްކަމަށް މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ