2018 ގައި ރައީސް ޔާމީން ހޮވުމަކީ ޗޮއިސްއެއް އޮތް ކަމެއް ނޫން: ނާޒިމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކުރުމަކީ ޗޮއިސް އޮތް ކަމެއް ނޫން ކަމަށާއި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ ޕީޕީއެމުން ހޭޔޮއްސާގެ ނަމުގައި ރޭ ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ފެއިލްވެވަޑައިގެންފި ނަމަ އެ ފެއިލްވީ ރައްޔިތުން ކަމަށާއި އެ ފުރުސަތު ރައްޔިތުން ނުދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
"2018 ވަނަ އަހަރުގެ އިންތިހާބުގައި ރައީސް ޔާމީން އަބްދުލް ގައްޔޫމު ފެއިލްވެއްޖެ ނަމަ އެ ފެއިލްވީ ދިވެހި ރައްޔިތުން އަޅުގަނޑު ދެކޭ ގޮތުގައި. އެއީ ޗޮއިސްއެއް އޮތް ކަމެއް ނޫން. ދިވެހި ރައްޔިތުން ދިވެހި ގައުމު ފެއިލްކޮށްލުމަކަށް މިވީހާތަނަށް ވެސް ފުރުސަތު ދީފައެއް ނެތް. އަޅުގަނޑަށް ޔަގީން 2018 ގެ އިންތިހާބުގައި ވެސް ދިވެހި ރައްޔިތުން އެ ޖާގައެއް ނުދެއްވާނެ،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ރައީސް ޔާމީން ގެންދަވަނީ އެމަނިކުފާނުގެ ވާޖިބު ރައީސެއްގެ ހައިސިއްޔަތުން އަދާ ކުރައްވަމުން ކަމަށާއި ދެން އޮތީ ރައްޔިތުންގެ ވާޖިބު ކަމަށެވެ. ނާޒިމު ވިދާޅުވި ގޮތުގައި އެއީ 2018 ގެ އިންތިހާބުގައި ރައީސް ޔާމީން އިންތިހާބު ކުރުމެވެ.
"ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު އެގެންދަވަނީ އެމަނިކުފާނުގެ ވާޖިބު އަދާ ކުރައްވަމުން. އަޅުގަނޑުމެންނަށް އޮތީ މިހާރު އަޅުގަނޑުމެން ރައްޔިތުންގެ ވާޖިބު އަދާ ކުރުން. އެއީ 2018 ގެ އިންތިހާބުގައި އެއްވާނެއްގައި ނުކުމެ ވޯޓުލާ ރައީސް ޔާމީން 2018 ވަނަ އަހަރަށް ބޮޑު އިންތިހާބަކުން ކާމިޔާބުކޮށް އެމަނިކުފާނު އަލުން ދެވަނަ ދައުރަކަށް އިންތިހާބުކޮށް ދިނުން،" ނާޒިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ