ގާޒީ މަރީއާ މެދު އަޅާފައިވާ ފިޔަވަޅުތައް ބާތިލްކޮށް ވަޒީފާއަށް ނިކުންނެވުމަށް އަންގައިފި

އެއްވެސް ކޯޓެއްގައި ގާޒީ ކަން ނުކުރެވޭ ގޮތަށް ސަސްޕެންޑް ކޮށްފައި ހުންނެވި ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާގެ ސަސްޕެންޝަން އުވާލާ ވަޒީފާއަށް ނިކުންނެވުމަށް އަންގައިފި އެވެ.
ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ކުރުމުގެ ހައިސިއްޔަތު ލިބިގެންނުވާ ކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން ގާޒީ މަރީ ސަސްޕެންޑް ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ ކުރީގެ އެ ނިންމުން ބާތިލްކޮށް ސުޕްރީމް ކޯޓުން މިހާރު ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ގާޒީ މަރީ ސިވިލް ކޯޓުގެ ވަޒީފާއަށް ނިކުންނެވުމަށް އަންގާފަ އެވެ.
ސުޕްރީމް ކޯޓުން ގާޒީ މަރީ ސަސްޕެންޑް ކުރީ ވ. ބޮޑުމޮހޮރާ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދިނުމަށް އެއްބަސްވުމަކަށް ވާސިލުވުމަކީ ސަރުކާރަށް ލިބިފައިވާ އިޚްތިޔާރީ ބާރެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާ މައްސަލަ ނިންމާފައިވަނިކޮށް، މައްސަލައާ ގުޅޭ ފަރާތަކުން މިމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ހަތް ދުވަހުގެ ތެރޭގައި އެރަށުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ލާޒިމްކޮށް ގާޒީ މަރީ ހުކުމެއް ކުރުމުންނެވެ.
ގާޒީ މަރީއާ މެދު ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުން ބަދަލުކުރި ވަކި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
މީގެ ކުރިން މާލެ އަތޮޅު ގާފަރު މެޖިސްޓްރޭޓް ކަމާއި އައްޑޫ ސިޓީ ފޭދޫ ކޯޓުގެ މެޖިސްޓްރޭޓް ކަން ކުރައްވާފައިވާ މަރީ ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރެއްވީ 2016 ވަނަ އަހަރުގެ ފަހުކޮޅު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ