ހިންނަވަރު ދާއިރާގެ މާލޭ ފޮށިން ވޯޓު ކަރުދާސް ގެއްލުނު މައްސަލައެއް ހުށަހަޅައިފި

ޅ. ހިންނަވަރު ދާއިރާގެ މާލޭ ވޯޓު ފޮށިން ވީނުވީއެއް ނޭނގި ވޯޓު ކަރުދާސްތައް ގެއްލިފައިވާ ކަމަށް ބުނެ އެ މައްސަލަ އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހަޅައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ހިންނަވަރު ދާއިރާ އިން ދެވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ މާލޭގެ ވޯޓު ފޮށި ކައިރީގައި ހަރަކާތްތެރިވި އޮބްޒާވަރުން ދީފައިވާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އޭނާ ވިދާޅުވީ ވޯޓު ފޮށި ބަންދުކުރުމުގެ ކުރިން ވޯޓު ކަރުދާސްތަކެއް މަދުކަމަށް، އޭނާގެ ފަރާތުން ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވި އޮބްޒާވަރުން ބުނަމުންގެން ދިޔަ ކަމަށާއި ނަމަވެސް އެކަމަށް ޖަވާބުދާރީވުމެއް ނެތި ވޯޓު ފޮށި ބަންދުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކޮޕްލަޔަންސް ބިއުރޯއިން ލިބޭ ޖަވާބެއްގެ މައްޗަށް ބިނާކޮށް ހިންނަވަރު ދާއިރާގެ އިންތިޚާބު ބާތިލު ކުރުމަށް ޝަރީއަތަށް މައްސަލަ ހުށަހަޅަން ޖެހިދާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން 1602 ވޯޓާ އެކު ގޮނޑި ކަށަވަރު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު އެވެ. ޕީޕީއެމްގެ ކެންޑިޑޭޓު ނާޒިމަށް ލިބިވަޑައިގަތީ 1441 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ