ރައްޔިތުން މިހާބޮޑަށް އިސްލާހަށް ބޭނުންވި ދުވަސްވަރެއް ނާދެ - ފައިސަލް

ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ތިބީ އިސްލާހީ ބަދަލަކަށް ބޭނުންވެފައި ކަމަށާއި، ރައްޔިތުން މިހާބޮޑަށް އިސްލާހަށް ބޭނުންވި ދުވަސްވަރެއް ނާންނަ ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރޭ ގުޅިފައިވާ ޕާޓީތަކުން ޅ. ކުރެންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ، މިފަހަރު ނޫނީ، ރާއްޖޭގެ ރައްޔިތުން މިހާބޮޑަށް އިސްލާހަށް ބޭނުންވެގެން އުޅޭ ދުވަސްވަރެއް ނާންނަ ކަމަށާއި، ރާއްޖޭގެ ރައްޔިތުން އިސްލާހީ ބަދަލަކަށް މިހާވަރަށް މަސައްކަތް ކުރަމުންދަނީ ވަރަށް ގިނަ ސަބަބުތައް ހުރުމުން ކަމަށެވެ.
" ރައްޔިތުން އެންމެބޮޑަށް ބޭނުންވަނީ އިންސާފު. ކުށެއްނެތި އެތައްބަޔަކަށް އެކި ގޮތްގޮތުން އަނިޔާލިބެމުންދަނީ، މިކަން ހުއްޓުމަކަށް ގެންނަންޖެހޭ، އަނިޔާވެރިކަމަކީ އިސްލާމްދީންވެސް މަނާކުރާކަމެއް" ފައިސަލް ނަސީމް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ އިއްތިހާދުން ހިންގާނީ ރައްޔިތުން ކަންކަމުގައި އާދޭސްކުރަންނުޖެހޭ ސަރުކާރެއް ކަމަށާއި، އެއީ ރައްޔިތުން ގާތަށްގޮސް، ރައްޔިތުންގެ އަޑުއަހައިގެން ހިންގާ ސަރުކާރަކަށް ވާނޭ ކަމަށެވެ.
ނަސީމް ވިދާޅުވީ، ރާއްޖޭގައި ފިއްތުންތަކާއި، ބިރުދެއްކުން ދުވަހަކުވެސް ނުވާ މިންވަރަށް އެބައޮތް ކަމަށާއި، ސަރުކާރު މުވައްޒަފުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.
ރާއްޖޭގެ ގިނަބައެއްގެ ތަރްހީބު އިއްތިހާދަށް ދަނީ ލިބެމުން ކަމަށާއި، ޕީޕީއެމްއަށް ނިސްބަތްވާ ގިނަބަޔަކު އިއްތިހާދުގެ ހަރަކާތްތަކުން ފެންނަމުންދާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
"ސަރުކާރު މުވައްޒަފުންވެސް އިއްތިހާދާއެކު ނިކުންނަންވީ ,އެންމެ ގުޅިގެން މިކަން ހައްލުކޮށް، މިބިރުވެރިކަން ނިމުމަކަށް ގެނެވޭނެ " ފައިސަލް ވިދާޅުވިއެވެ.
އިއްތިހާދުގެ ވެރިކަމުގައި ފައިސަލް ނަސީމް ވިދާޅުވީ، ރަށްޓެހި މީހާއަށް ފްލެޓް ނުބަހާނެ ކަމަށެވެ. އަދި ހަމަ އެއާއެކު ވަޒީފާ ދިނުމުގައި ހަމަހަމަކަމާއި މެރިޓަށް ބައްލަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
" އިއްތިހާދުގެ ސަރުކާރެއްގައި ޒުވާނުންނަށް އެކަށީގެންވާ ފުރުސަތުތަކެއް ފަހިކޮށްދޭނަން. އިއްތިހާދުގެ ވެރިކަމުގައި ޒުވާނުން ތިބޭނީ ޖަލުގައިނޫން ، ޒުވާނުން އުޅޭނީ އާއިލާއެކު ހިތްހަމަޖެހިގެން " ފައިސަލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ