ހާލުކޮޅު ދެރަވެ ރައީސް މައުމޫނު ދޫނިދޫއަށް

ސިއްހީ ހާލުކޮޅު ދެރަވެ ފަރުވާދެމުން ގެންދާ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް މާފުށީ ޖަލުން ދޫނިދޫ ޖަލަށް ބަދަލުކޮށްފިއެވެ.
ރައީސް މައުމޫނު މިއަދު ދޫނިދޫ ޖަލަށް ބަދަލުކޮށްފައިވަނީ ޖަލުތަކާއި ޕެރޯލް ޤާނޫނުގެ ދަށުން ހާއްސަ ހާލަތެއްގައި ކަމަށް ކަރެކްޝަނަލް ސާރވިސްއިން ބުނެއެވެ. ނަމަވެސް ރައީސް މައުމޫނަށް ދިމާވެގެންއުޅޭ ސިއްހީ މައްސަލައެއް ކަރެކްޝަނުން ހާމަކޮށްފައެއް ނުވެއެވެ.
ސިއްހީ ހާލުކޮޅު ދެރަވެ މިދިޔަ އީދު ދުވަހުން ފެށިގެން ރައީސް މައުމޫނަށް ގެންދަނީ ފަރުވާދެމުންނެވެ. މައުމޫން ރިފޯމް މޫވްމަންޓުން ކުރިން ބުނެފައިވަނީ ސިއްހީ ފަރުވާއަށް މައުމޫނު މާލެ ބަދަލުކުރުމަށް ޑޮކްޓަރުން ލަފާ ދިނުމުންވެސް މާލެ ބަދަލުނުކޮށް ފަރުވާދެމުން ގެންދަނީ ޖަލަށް ޑޮކްޓަރުން ގެންގޮސްގެން ކަމުގައެވެ.
ރައީސް މައުމޫނަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލައާއި ގުޅޭގޮތުން އާއިލާއިންވެސް އަދި އެެއްޗެއް ނުބުނެއެވެ.
އުމުރުފުޅުން 80 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކުރީގެ ރައީސް މައުމޫނު ހައްޔަރުކޮށް ޖަލަށް ލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުއެވެ.
އޭގެ ފަހުން ރައީސް މައުމޫނުގެ މައްޗަށް މިހާރުވަނީ އަދުލު އިންސާފަށް ހުރަސްއެޅިކަމުގެ ކުށުގައި އެއް އަހަރާއި ހަތް މަހަށްވުރެ ދިގު ޖަލު ހުކުމެއް ކޮށްފައެވެ. ރައީސް މައުމޫނުގެ މައްޗަށް މި ހުކުމް ކޮށްފައިވަނީ ތަހުގީގަށް ފުލުހުންނަށް ފޯނު ނުދިން ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ