ކުރީގެ މެމްބަރު އަމީތު، ޗެނަލް 13 ގެ ނޫސްވެރިއަކަށް ބިރުދެއްކި މައްސަލަ އެ ސްޓޭޝަނުން ކުށްވެރިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުޙައްމަދު އަމީތު، ޗެނަލް 13 ގެ ނޫސްވެރިޔާ ލަޔާލް މަނިކުގެ މައްޗަށް އަބުރުގެ ދައުވާ ކުރާނެ ކަމަށް ބުނެ ބިރު ދެއްކި މައްސަލަ އެ ސްޓޭޝަނުން ކުށްވެރިކޮށްފިއެވެ.މި މައްސަލައާއި ގުޅިގެން ޗެނަލް 13 އިން ނެރުނު ނޫސްބަޔާނުގައި ބުނީ، އަމީތު މެލޭޝިއާއިން ފުލެޓެއް ބައްލަވައިގެންނެވި ކަމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅޭގޮތުން އެ ސްޓޭޝަނުގެ ނޫސްވެރިޔާ ލަޔާލް މަނިކު ސުވާލު ކުރި ކުރުމަކީ އަމީތުގެ އަބުރަށް އަރައިގަތުން ކަމަށް ބައެއް ފަރާތްތަކުން ބުނެ، އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ޚުދު އަމީތު ވިދާޅުވި ވިދާޅުވުމުގެ ސަބަބުން ނޫސްވެރިންނަށް ފަހިކޮށްދީފައިވާ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.ހަމައެއާއެކު މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމަށް އެ ސްޓޭޝަނުގެ ނޫސްވެރިން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށާއި އެ ސްޓޭޝަނުގެ ނޫސްވެރިންނަށް ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ޗެނަލް 13 ގެ ބަޔާނުގައި ބުނެފައިވެއެވެ.މީގެ އިތުރުން ކަމެއް އޮޅުން ފިލުވުމަށްޓަކައި ނޫސްވެރިޔަކު ކުރި ސުވާލަކާއި ގުޅިގެން އަބުރުގެ ދައުވާ ކުރާނެ ކަމަށް ބުނެ ބިރުދެއްކުމަކީ ވަރަށް ފިނޑި އަދި ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ވެސް ޗެނަލް 13 އިން ވަނީ ސިފަކޮށްފައެވެ.އަދި ތަކުރާރުކޮށް ބިރުދެއްކި ނަމަވެސް، ރައްޔިތުންނަށް ހަޤީޤީ މައުލޫމާތު ގެނެސްދިނުމަށް ޗެނަލް 13 އިން ކުރަމުންދާ މަސައްކަތަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.ޗެނަލް 13 ގެ ނޫސްވެރިޔާ ލަޔާލް މަނިކު، އަމީތުއާ ކުރި ސުވާލަކާ ގުޅިގެން ލަޔާލްގެ މައްޗަށް އަބުރުގެ ދައުވާ ކުރާނެ ކަމަށް ބުނެ ބިރުދެއްކި މައްސަލަ ކަމާބެހޭ އިދާރާތަކުން ބަލައި، އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ޗެނަލް 13 ގެ ބަޔާނުގައި އެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ