ނިއުކްލިޔަ ތިންވަނަ ތަޖްރިބާއަކަށް އުތުރު ކޮރެޔާ ތައްޔާރުވާ ކަމަށް ދެކުނު ކޮރެޔާ ތުހުމަތުކޮށްފި

ސޯލް : ނިއުކްލިޔަ ތިންވަނަ ތަޖްރިބާއެއްކުރަން އުތުރުކޮރެޔާ ތައްޔާރުވަމުންދާ ކަމަށް ދެކުނު ކޮރެޔާ ބުނެފިއެވެ.
ދެކުނު ކޮރެޔާގެ އިސްމަސްއޫލުވެރިއަކާ ޙަވާލާދީ އެޤައުމުގެ ޔުންހާބު ނޫސްއެޖެންސީ ބުނިގޮތުގައި އުތުރުކޮރެޔާގެ އިންޖިނޭރުން ގެންދަނީ ބިމުއަޑިގައި ނިއުކްލިޔަރ ތަޖްރިބާއެއް ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.
މިކަމަށްޓަކައި ބަރު ސާމާނާއި މެޝިނަރީ ޖަމާކޮށްގެން ބިމުއަޑީގައި ބިންގަރާސްތައް ހެދުންފަދަ ނިއުކްލިޔަރ ތަޖްރިބާއަކަށް ތައްޔާރުވުމަށް ކުރާނެކަމަށް ބެލެވޭ ކަންތައްތަކެއް އުތުރުކޮރެޔާ ކުރަމުންގެންދާ ކަމަށް ދެކުނު ކޮރެޔާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. މިކަމާބެހޭގޮތުން އުތުރުކޮރެޔާ ބަޔާނެްދީފައެއްނުވެއެވެ.
އުތުރުކޮރެޔާއަކީ ސިއްރިޔާތުގައި ކަންތައްތައް ކުރުމުގެ ސިޔާސަތެއް ގެންގުޅޭ އެކަހެރި ޤައުމެކެވެ. އުތުރުކޮރެޔާއާ ދެކޮޅަށް ހުޅަނގުން ގެންގުޅޭ ސިޔާސަތުތައް ކާމިޔާބު ނުވަނީވެސް އެޤައުމު އަމިއްލައަށް ގެންގުޅޭ އެކަހެރިކަމެއްގެ ސަބަބުން ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
އުތުރުކޮރެޔާވަނީ ނިއުކްލިޔަރ ދެ ތަޖްރިބާއެއް ކޮށްފައެވެ. އެއީ 2006 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައާއި 2009 ވަނަ އަހަރުގެ މޭ މަހުގައެވެ. ދެކުނުކޮރެޔާގެ ޖާސޫސީ ފަރާތްތައް ލަފާކުރާގޮތުން އުތުރުކޮރެޔާ މިހާރުވެސް މަދުވެގެން 10 ވަރަކަށް ނިއުކްލިޔަ ބޮން އުފައްދާފައިވެއެވެ. ދާދިފަހުން އުތުރުކޮރެޔާވަނީ ޔޫރޭނިޔަމް ފައްކާކުރާ ނިއުކްލިޔަރ އިތުރު ރިއެކްޓަރެއް އެޤައުމުގައި ހުރިކަން ހާމަކޮށްފައެވެ.
ނިއުކްލިޔަރ އައްޑަނައެއްގެ ގޮތުގައި ބެލެވިދާނެ މިންވަރަށް އުތުރުކޮރެޔާގައި ނިއުކްލިޔަރ ޤާބިލްކަން ހުރިކަމަށް ތަޖްރިބާކާރުން ދެކެއެވެ.
އުތުރުކޮރެޔާގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމަށް އެމެރިކާއާއި ދެކުނު ކޮރެޔާ ކުރި މަސައްކަތްތައްވަނީ ނާކާމިޔާބުވެގެން ނިމިފައެވެ. މިމަސައްކަތްތައް ނާކާމިޔާބުވީ އުތުރުކޮރެޔާ ގެންގުޅޭ އޮޅުވާލުމާއި މަކަރުހެދުމުގެ ސިޔާސަތުގެ ސަބަބުން ކަމަށް އެމެރިކާއާއި ދެކުނު ކޮރެޔާ ބުނެއެވެ.
އުތުރުކޮރެޔާވަނީ އެޤައުމަށް ބިރު ދެއްކުމާއި ދެކުނުކޮރެޔާގައި ޢަސްކަރީ ގޮތުން ފައިހަރުކޮށްގެން އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް އެމެރިކާއަށް ގޮވާލާފައެވެ. -- ނޫސްއެޖެންސީތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ