އެފްއޭއެމް ލީގު ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ މަހިބަދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅޭ މެޗު އެ ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) އަށް ހާއްސަވާނެ ކަމަށް ބުނެފި އެވެ.
ގައުމީ ޓީމުގެ ވެސް ކެޕްޓަންކަން ކުރަމުން އަންނަ ސަމުއްޓެ، ފުރަތަމަ ޑިވިޝަނުގައި ފުޓްބޯޅަ ކެރިއަރު ފެށީ 2014 ވަނަ އަހަރު މަހިބަދޫ ސްޕޯޓްސް ކްލަބުންނެވެ. މުހައްމަދު ޝިޔާޒް (މޯހަން) ކޯޗަކަށް އޭރު ހުރި މަހިބަދޫ ޓީމުގައި ސަމުއްޓެ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މަހިބަދޫ، ފުރަތަމަ ޑިވިޝަނުން ވެއްޓުމުން، ސަމުއްޓެ، ކެރިއަރު ކުރިއަށްގެންދިއުމަށްޓަކައި، 2016 ވަަނަ އަހަރު މާޒިޔާ އަށް ބަދަލުވި އެވެ.
މާޒިޔާގެ ބޭންްޑް އަޅައިގެން، ސަމުއްޓެ ކުޅެން ފެށީ މީގެ އެއް އަހަރު ކުރިންނެެވެ. އެއީ، ނުވަ އަހަރު ވަންދެން މާޒިޔާގެ ކެޕްޓަން، ބޭންޑް އަޅައިގެން ކުޅުނު މަހިބަދޫ އަށް އުފަން ފޯވާޑް، އަސަދުﷲ އަބްދުﷲ، މާޒިޔާ ދޫކޮށްލުމުންނެވެ. ލީގު ކަޕްގައި، ކުޅޭ މަހިބަދޫ ސްކޮޑުގައި އަސަދުﷲ ހިމެނެ އެވެ.
"ވަރަށް ހާއްސަ މެޗެއް މިއީ، ފުރަތަމަ، ސަމުއްޓެ، ކެރިއަރު ފަށާފައި އިންނާނީ މަހިބަދޫ ސްޕޯޓްސް ކްލަބުން. ދެން، އޭގެ ފަހުން، މާޒިޔާ އަށް ބަދަލުވެ، މާޒިޔާގައި މި ހުންނަނީ. ވަރަށް މުހިންމު، ހާއްސަ މެޗެއް މިއީ،" އުފަން ރަށާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން، ސަމުއްޓެ، "އަދަދު ސްޕޯޓްސް" އަށް ބުންޏެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ބާއްވާ ފުރަތަމަ މުބާރާތް ކަމަށްވާ ލީގު ކަޕްގައި ފުރަތަމަ ޑިވިޝަނުގެ ތިން ޓީމަކާއި ދެ ވަނަ ޑިވިޝަނުގެ ދެ ޓީމެއް ކުޅެ އެވެ. މިއީ، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން އޮގަސްޓަށް ފަސްވުމުން، ފީފާގައި އެދިގެން އެފްއޭއެމް އިން ކުރިއަށްގެންދާ މުބާރާތެކެވެ.
ސަމުއްޓެ ވަނީ މިއީ މި ދަނޑިވަޅަށް ބަލާއިރު މުހިންމު މުބާރާތެއް ކަމަށް ބުނެފަ އެވެ.
"އަސްލު ވަރަށް މުހިންމު ކަމެއް މިހެން ކޮމްޕެޓިޝަން (މުބާރާތުގެ) މެޗުތަކެއް މިހެން ކުޅެލުން މިއީ. އެއީ ކުރިއަށް މި ހުރި މުބާރާތްތަކަށް ވެސް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ. މި ގޮތަށް މުބާރާތްތައް ކުޅެންޏާ،" ސަމުއްޓެ ބުންޏެވެ.
ލީގު ކަޕްގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް އަތުން 5-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން ވަނީ 2-0 އިން މޮޅުވެފަ އެވެ. މިރޭ، 21:00 ގައި ތިން ވަނަ މެޗުގައި މަހިބަދޫއާ ކުޅޭއިރު، މާޒިޔާގެ އަމާޒަކީ މި މެޗުން ވެސް މޮޅުވުމެވެ.
"(މުބާރާތުގައި މާޒިޔާގެ) ވަރަށް ރަނގަޅު ކުޅުން، އިރާދަކުރެއްވިއްޔާ މި އަށް ވުރެން ވެސް ރަނގަޅު ކުޅުމެއް ދައްކައިގެން. ހުރިހާ މެޗުތަކެއް ނަގަން މަސައްކަތް ކުރާނަން ހުރިހާ ޕްލޭޔަރުން ވެސް،" ސަމުއްޓެ ބުންޏެވެ.
"ކޯޗު ބޭނުންވަނީ ހުރިހާ ޕްލޭޔަރުންނަށް ވެސް ފުރުސަތު ދީގެން މީގަ ކުޅެން. ހުރިހާ ޕްލޭޔަރުންނަށް ވެސް ފުރުސަތު ދޭން ބޭނުންވަނީ،"
މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ވަނީ މި މުބާރާތުގައި ވީޙާވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީ ރަނގަޅު ކުޅުމެއް ދައްކަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
މަހިބަދޫއާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗު ސަމޫހަށް ހާއްސަވާނެ މަހިބަދޫއާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗު ސަމޫހަށް ހާއްސަވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ