އެމްޑީޕީގެ "މިންޖުވާން" މުޒާހަރާ މިއަދު ހަވީރު 5:43 ގަ ނިންމައިލަނީ

މިމަހުގެ 27 ވަނަ ދުވަހު ހަވީރު 4:00 ގައި އެމްޑީޕީން ކުރަން ފެށި "މިންޖުވާން" މުޒާހަރާ މިއަދު ހަވީރު 5:43 ގައި ނިންމައިލާނެކަން އެޕާޓީން ހާމަކޮށްފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕާޓީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ ވިދާޅުވީ މިއީ ރާއްޖޭގައި އެންމެ ވަގުތުގައި ކުރިއަށް ގެންދިއަ މުޒާހަރާ ކަމަަށާއި ރައްޔިތުންގެ ވަރަށް ގިނަ ބައަކު ބައިވެރިވި މުޒާހަރާއެއް ކަމަށެވެ.
އިމްތިޔާޒް ވިދާޅުވީ މުޒާހަރާގެ ހަރަކާތްތައް ރޭގަނޑާއި ފަތިހާއި ހެދުނުގެ ވަގުތުތަކުގައިވެސް ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ. އަދި މިއަދު ހަވީރުވެސް މުޒާހަރާގެ ޚާއްޞަ ހަަރކާތްތަކެއް އާރޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށް ގެންދާނެ ކަމަށެވެ.
ޑރ. މުޞްޠަފާ ލުޠްފީ ވިދާޅުވީ މިމުޒާހަރާ ނިންމައިލި ނަމަވެސް ރާއްޖޭގެ ކަންކޮޅުތަކުގައި މިންޖުވުމަށް ކުރެވޭ މަސައްކަތްތައް އެޕާޓީން ކުރިއަށް ގެންދާނެ ކަމަށެވެ.
މުޒާހަރާއަށް ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ޖަލުގައި ހުންނެވީވެސް މުޒާހަރާގައި ބައިވެރިވެވަޑައިގެން އަތްޕުޅުގައި ބޭންޑް އަޅުއްވައިގެން ކަމަށެވެ. އަދި މުޒާހަރާގެ ކަންކަން ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މުޒާހަރާގައި އެމްޑީޕީން ވަނީ ސަރުކާރަށް 3 ޑިމާންޑެއް ކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ އެމްޑީޕީގެ ޑިމާންޑްތަކަކީ ސަރުކާރަށް ބަލައިގަނެވޭނެ އަދި އަމަލުކުރެވޭނެ ޑިމާންޑްތަކެއް ނޫން ކަމަށެވެ.
އެމްޑީޕީން ކުރިން ބުނެފައިވަނީ މުޒާހަރާގެ ވަގުތުގައި ސަރުކާރުން އެމްޑީޕީގެ ޑިމާންޑްތަކަށް އަމަލު ނުކުރާނަމަ ދެން އަމަލުކުރަންވީ ގޮތް ނިންމާނީ ޕާޓީގެ ޤައުމީ މަޖިލީހުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ