ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް އެމްޑީޕީ ޓިކެޓުގައި އަލަށް އިންތިހާބުވެވަޑައިގެންނެވި މުހައްމަދު މުސްތަފާ (ތިމަރަފުށީ މުސްތަފާ) އާއި ދިއްދޫ ދާއިރާގެ ގޮނޑިއަށް އަމިއްލަ ގޮތުން އިންތިހާބުވި އަބްދުއްލަތީފް މުހައްމަދު މިއަދު ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ.
މިދެބޭފުޅުން ސޮއިކުރައްވާފައިވަނީ މިއަދު މެންދުރުފަހު ނަސަންދުރާގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި އެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ.މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެންނެވި އެވެ.
މުސްތަފާ އާއި އަބްދުއް ލަތީފް ޕީޕީއެމަށް ސޮއިކުރެއްވުމަށްފަހު ފޯމް ހަވާލުކުރައްވާފައިވަނީ ރައީސް މައުމޫނާއި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމަށް އަލަށް ގުޅުނު ދެމެންބަރުންގެ ސަބަބުން ޕީޕީއެމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށާއި މިދެބޭފުޅުން ޕީޕީއެމަށް ސޮއިކުރެއްވުމުން މަޖިލީހުގައި ކަންކަން ނިންމުމުގައި މިދެބޭފުޅުންގެ ހިއްސާ ވެސް ލިބޭނެ ކަމަށެވެ.
މައުމޫން ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ކުރިއަށް ގެންދަން ބޭނުންވާ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށާއި ސަރުކާރުގެ މެނިފެސްޓޯގައި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ވަރަށް ގިނަ ކަންތައްތައް ހިމެނޭއިރު އޭގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކަކީ މަޖިލީހުގެ ތާއީދާއިއެކީގައި ކުރިއަށް ގެންދެވޭނެ ކަންތައްތައް ކަމަށެވެ.
"އެހެންވީމާ މި ފުރުސަތުގައި މާތް ﷲ ގެ ރަހްމަތްފުޅުން މި ފުރުސަތު ލިބުނީތީ އެކަލާނގެ ހަޒްރަތަށް ހަމްދާއި ޝުކުރުކުރަން، އަދި މިއަދު އަޅުގަނޑުމެންނާއި ގުޅިވަޑައިގެންނެވި ދެބޭފުޅުން، މުހައްމަދު މުސްތަފާ އަށާއި އަބްދުއްލަތީފް މުހައްމަދަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." ރައީސް މައުމޫން ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުސްތަފާ ވިދާޅުވީ ތިމަރަފުށީ ދާއިރާއަށް ގެންނަން ޖެހޭ ތަރައްގީ ގެންނާނެ ކަމަށާއި އެގޮތުން ތިމަރަފުށީ އެއާޕޯޓުގެ ރަންވޭ 1.2 ކިލޯ މީޓަރުން 2.1 ކިލޯ މީޓަރަށް ދެމިގެންދާނެ ކަމަށެވެ. އަދި މަގްސަދަކީ ތިމަރަފުށީ އެއާޕޯޓަށް އެއާބަސް ފްލައިޓުތައް ޖެއްސޭނެ ފަދަ ގޮތަކަށް ތިމަރަފުށީ އެއާޕޯޓު ތަރައްގީ ވެގެން ދިއުން ކަމަށެވެ.
މީގެއިތުރުން ބޮޑެތި ކްރޫޒާ ލައިންތައް އިންވެސްޓްމަންޓްތައް ހިފައިގެން އަންނަން ތިބި ކަމަށާއި މުޅި ތ.އަތޮޅު މި ސަރުކާރުގެ އެއްބާރުލުމާއިއެކު ތަރައްގީ ކުރާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
"ރައްޔިތުންނަށް ކުރިއެރުން ލިބޭނެ، ރައްޔިތުންގެ ހާސްކަން ފިލުވާލާނަން، ދާއިރާއަށް ކުރިއެރުން ގެނެސްދޭނަން، އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑު ދާއިރާއަށް މިއަށްވުރެ މާ ފަހި އަދި މާ ފާގަތި ދުވަހެއް ދާއިރާގެ ރައްޔިތުންނަށް ދެއްވުން." މުސްތަފާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އަބްދުއް ލަތީފް ވިދާޅުވީ ޕީޕީއެމަށް ސޮއިކުރީ ދާއިރާއަށް ތަރައްގީ ގެނެވެން އޮތީ ޕީޕީއެމާއި ގުޅިގެން ކަމަށްވާތީ ކަމަށާއި ދިއްދޫ ރައްޔިތުން އެދުނު ގޮތަށް ޕީޕީއެމަށް މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ދިއްދޫއަށް ވެސް ތަރައްގީ އަންނަން ޖެހޭ ކަމަށާއި އެގޮތުން ދިއްދޫ ގިރަމުން ދާތީ އެކަންތައް ވީހާވެސް އަވަހަކަށް ހައްލުކޮށްދިނުމަށް ސަރުކާރަށް ދަންނަވާ ކަމަށެވެ.
މުސްތަފާ އާއި އަބްދުއް ލަތީފް ޕީޕީއެމަށް ސޮއިކުރެއްވުމާއިއެކު ޕީޕީއެމް މެންބަރުންގެ އަދަދު 37 އަށް ވަނީ އަރާފައެވެ. އަދި އެމްޑީޕީގެ މެންބަރުންގެ އަދަދު 25 އަށް މިވަނީ ދަށްވެފައެވެ. އަދި ސަރުކާރު ކޯލިޝަނަށް ލިބުނު ގޮނޑިތަކުގެ އަދަދަު ވަނީ 57 އަށް އަރާފައެވެ. އެހެންކަމުން ސަރުކާރު ކޯލިޝަނަށް ވަނީ މަޖިލީހުގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބިގެން ގޮސްފައެވެ.
މުސްތަފާއާ ދިއްދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި މެންބަރު ޕީޕީއެމަށް ސޮއިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ