އައްޑޫ ސިޓީން ކަރަންޓް ކެނޑުން: އަނެއްކާ ވެސް ބޮޑު ބަޔަކަށް ކަރަންޓް ދީފި

އައްޑޫ ސިޓީއަށް ކަރަންޓް ދޭން ވަޅުލާފައިވާ ކޭބަލްތައް އޯވަ ހީޓްވެ، އެނދުމުގެ ސަބަބުން ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑިފައިވާތީ އެނދި ކޭބަލެއް ހޯދައި ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށާއި ގުޅިފައިވާ ރަށްތަކުގެ ބޮޑު ބަޔަކަށް މިވަގުތު ކަރަންޓް ދީފައިވާ ކަމަށް ސަދަން ޔޫޓިލިޓީސް ކުންފުނިން ބުނެފި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން އެ ރަށްތަކުގެ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވަނީ ބުރޫއަރައިފަ އެވެ. އޮފީތަކުގެ މަސައްކަތްތަކާއި ސްކޫލްތަކުގެ ކިޔެވުމާއި ވިޔަފާރި ބުރޫ އަރާފައިވާއިރު އާންމު އަދި ސިނާއީ މަސައްކަތްތައް ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ.
އައްޑޫ ސިޓީއަށް ކަރަންޓް ދެމުން އަންނަ ސަދަން ޔޫޓިލީޓީސް ކުންފުނީގެ ޗެއާމަން އަހުމަދު ޒަރީދު މިއަދު ވިދާޅުވި ގޮތުގައި އޯވާ ހީޓްވުމުގެ ސަބަބުން ގިނަ އަދަދެއްގެ ހައިވޯލްޓޭޖް ކޭބަލް އަނދައިގެން ގޮސްފައިވާ ކަމަށް މިހާތަނަށް ބެލި ބެލުމުން ވަނީ އެނގިފަ އެވެ. އަދި ވިދާޅުވީ އެނދި ކޭބަލްތައް ފާހަގަކޮށް ބަދަލު ކުރުމުގެ މަސައްކަތް އެ ކުންފުންޏާއި ސްޓެލްކޯގެ އިންޖިނޭރުންގެ ޓީމަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މައްސަލަ ޖެހިފައިވާ ހުރިހާ ކޭބަލެއް ހޯދުމުގެ މަސައްކަތް އަޅުގަނޑުމެންގެ އިންޖިނޭރުންނާ ސްޓެލްކޯގެ އިންޖިނޭރުން މިހާރު ދަނީ ކުރަމުން. އަޅުގަނޑު އުއްމީދުކުރަނީ މިއަދު އެ މަސައްކަތް ނިންމައި (އައްޑޫގެ ގުޅިފައިވާ ރަށްތަކުން) ކަރަންޓް ދިއުމުގެ މައްސަލަ މުޅިން ހައްލުވެގެން އަންނާނެ ކަމަށް،" ޒަރީރު ވިދާޅުވިއެވެ. " (އެނދި) ކޭބަލްތަކަކީ ގާތްގަނޑަކަށް މީގެ 15 އަހަރު ކުރިން ވަޅުލާފައިވާ ކޭބަލްތަކެއް،" ޒަރީރު ވިދާޅުވިއެވެ.
މަރުކަޒީ އިންޖީނުގޭގެ ކޭބަލްތައް އޯވަ ހީޓްވެ އެނދުމާ ގުޅިގެން ރޭ އިރާކޮޅުން ފެށިގެން ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ، އަދި ފޭދޫ އާއި ގަމުން ދިޔައީ ދޭތެރެ ދޭރެއިން ކަރަންޓް ކެނޑެމުންނެވެ. އަދި ރޭގެ 8:00 ފެށިގެން މެންދަމުގެ ބޮޑު ބަޔަކާ ޖެހެންދެން ގުޅިފައިވާ ރަށްތަކުން އެއްކޮށް ކަރަންޓް ގޮސްފައި އޮތުމަށް ފަހު ބައެއް ސަރަހައްދުތަކަށް ކަރަންޓް ދީފައި ވަނިކޮށް ފަހުން މައްސަލަތައް ދިމާވެ ކަރަންޓް ކެނޑުނީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ