އަންނަ އަހަރު އެމްޓީސީސީ އިން ދޯނިފަހަރު ބަނދެ ދިނުމާއިއެކު ދޯނީގައި އިންޖީނުއަޅައިދިނުމުގެ ޚިދުމަތް ޕެކޭޖެއްގެ ގޮތުގައި ދޭން ފަށާނެކަން އެކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީގެ ފަރާތުން މިކަން ހާމަކުރެއްވީ އެކުންފުނިން ރާއްޖެއަށް ޚާއްޞަކޮށްގެން، ޔަންމާ ކުންފުންޏާއި ގުޅިގެން އުފެއްދި 60 ހޯސްޕަވަރުގެ އިންޖީނު ތަޢާރަފްކުރުމަށް އަންގާރަ ދުވަހުގެ ރޭ ނޭޝަނަލް ޢާރޓް ގެލެރީގައި ބެއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް އެވެ.
އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ދޯންޏާއި އިންޖީނު އެމްޓީސީސީއާއި ގުޅިގެން ބޭނުންވާ ފަރާތްތަކަށް އެއް އެއްބަސްވުމެއްގެ ދަށުން ދެ ޚިދުމަތް އެކުގައި ލިބިގެންދާނެ ކަމަށެވެ. އަދި އެއްބަސްވެވޭ އުޞޫލަކުން މުއްދަތުތަކަށް ބަހައިލައިގެން އަގު ދައްކާ ގޮތަށްވެސް މިޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.
މިއަދުނޫހަށް މައުލޫމާތު ދެއްވަމުން އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ މިފަދަ ޚިދުމަތެއް ދިނުމަށް އެމްޓީސީސީ އިން ނިންމީ ދޯނިފަހަރު ބަންނައިރު ވަކި ޚާއްޞަ މިންގަނޑުތަކެއް ބަހައްޓަންޖެހޭ ގޮތަށް ޤަވާއިދުތައް ހެދިގެން ދިއުމުން ފެންވަރު ކަށަވަރުކުރަން އޮޑިވެރިން ވެސް ބޭނުންވާނެތީ އިތުބާރު ހުރި ފެންވަރު ރަނގަޅު ޚިދުމަތެއް ލުއި ފަސޭހަގޮތެއްގައި ޚިދުމަތަށް ބޭނުންވާ ފަރާތްތަކަށް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށެވެ.
"މިހާރު ދިމާވާ ގޮތަކީ ބޮޑު ޚަރަދުކޮށްގެން އޮޑިފަހަރު ބަންނައިރު ފެންވަރެއް ނުހުރޭ. އަވަހަށް ހަލާކުވަނީ. ބިންދައިގެންދަނީ. ދެވަނަކަމަކަށް މެދުވެރިވާ ކަމަކީ އޮޑި ބަނދެ ނިމޭއިރު އިންޖީނު އަޅާނެ ފައިސާ އަތުގައި ނެތުން."
އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ އެމްޓީސިސީގެ މިޚިދުމަތުގެ ސަބަބުން މިފަދަ ހުރިހައި މައްސަލަތަކަށް ވަރަށް ލުއި ފަސޭހަގޮތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން މިފެށޭ ނޮވެމްބަރު މަހުން ފެށިގެން ދޯނިފަހަރު ބަނުމަށް ބޭނުންވާ ސާމާނު އެމްޓީސީސީ އިން ވިއްކަން ފަށާނެކަމަށްވެސް އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.
އެމްޓީސީސީ އިން ދޯންޏާއިއެކު އިންޖީނުގެ ޚިދުމަތް ދޭން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ