މަހިބަދޫގެ މައްޗަށް ކުރި ހޯދާ އެފްއޭކަޕްގެ ސެމީފައިނަލަށް ނިއު ދަތުރުކޮށްފި

3-6 ގެ ނަތީޖާއަކުން މަހިބަދޫގެ މައްޗަށް ކުރި ހޯދާ އެފްއޭކަޕްގެ ސެމީފައިނަލަށް ނިއުރޭޑިއަންޓް ދަތުރުކޮށްފި އެވެ.
މި މެޗުގެ ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް ދެއްކި ނިއުއިން ވަނީ މެޗުގެ 20 ވަނަ މިނެޓްގައި އެޓީމުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްފަ އެވެ. އިބްރާހިމް ފަޒީލް (އޮއްޕޮ) ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ނިއުއަށް ލިބުނު ހިލޭޖެހުމަކުން ސެންޓޭ ވަނީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ.
ނަމަވެސް ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވެ މަހިބަދޫގެ އަލީ ޝާލިމް ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ. މަހިބަދޫއިން ގޯލްޖެހިތާ 2 މިނެޓްފަހުން ސެންޓޭ ދިން  ޕާހަކުން ނިއުގެ ބޭރު ކުޅުންތެރިޔާ ޑޭވިޑް ވަނީ އެޓީމުގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ.
އަދި އޭގެ މިނެޓެއްފަހުން ސެންޓޭ ދިން ޕާހަކުން ނިއުގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިނީ މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަކްރަމް އަބްދުލް ޢަނީ (އަކޫ) އެވެ. އަދި އޭގެ ދެ މިނެޓްފަހުން އަކްރަމް ބޮލުން ދިން ޕާހަކުން ނިއުގެ ފަސްވަނަ ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ތިންވަނަ ގޯލްވެސް ކާމިޔާބުކޮށްދިން ޑޭވިޑް އެވެ. އަދި މެޗުގެ 68 ވަނަ މިނެޓްގައި އުމެއިރު ދިން ޕާހަކުން ނިއުގެ ހަވަނަ ގޯލް ކާމިޔާބުކޮށްދިނީ އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ.
މެޗުގެ ފަހު 6 މިނެޓްތެރޭ މަހިބަދޫއިން ވަނީ ދެ ގޯލް ކާމިޔާބުކޮށްފަ އެވެ. މި ދެ ގޯލް ކާމިޔާބުކޮށްދިނީ ޖުނައިދު އަދި ހުސެއިން ނިޔާޒު (ބޮކުރީ) އެވެ.
އެފްއޭކަޕްގެ ކުއާޓާފައިނަލްގެ ދެވަނަ މެޗުގައި މާދަމާ ރޭ ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ބީޖީ ސްޕޯޓްސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ