ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާ އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ނިގުޅައިގަތުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އޮނަރަބަލް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މިބިލް ފާސްވެއްޖެނަމަ އެއީ ރާއްޖޭގެ ޑިމޮކްރަޓިކް ހަޔާތުގައި ފަހަތަށް އަޅާ ފިޔަވަޅެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ދިވެހިން މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ވުޖޫދު ކުރުމަށްޓަކައި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރިއާސަތުގައި އިންނަވައިގެން މުހިއްމު ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ގާސިމް އިބްރާހިމް ވިދާޅުވީ މިބިލަކީ އަސާސީ ހައްގެއް ނިގުޅައިގަތުމާއި ޑިމޮކްރަސީގެ މަގުގައި ފަހަތަށް އެޅޭ ފިޔަވަޅަކަށް ވުމުގެ އިތުރަށް ފަސާދައާއި ޚިޔާނާތަށް މަގުފަހިވުމުގެ ސަބަބަކަށްވެސް ވެދާނެ ކަމަށެވެ. ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ނެތިއްޖެނަމަ ފަސާދަ އާއި ޚިޔާނާތުގެ ވާހަކަ ދެއްކުން ހުއްޓި އެފަދަ އަމަލުތައް އާއްމުވުމުގެ ބިރު އެބައޮތްކަމަށް ވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ މި ބިލާއިމެދު ނޫސްވެރިންގެ ކަންބޮޑުވުން ފާޅުކުރުމަށާއި ޖުމްހޫރީ ޕާޓީގެ ޚިޔާލު ހޯދުމަށް މިއަދު މ ކުނޫޒުގައި ބޭއްވުނު ބައްދަލުވުމުގައި ޖޭޕީގެ ލީޑަރާއި އެޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިބައްދަލުވުމުގައި އޮނަރަބްލް ގާސިމް ވިދާޅުވީ މިހާ ނުރައްކާތެރި ކަންތައްތަކަކަށް މަގުފަހިވުމުގެ ބިރު އޮތުމާއެކު މިބިލަކީ އެމަނިކުފާނު އެއްގޮތަކަށް ވެސް ތާއީދު ކުރައްވާނެ ބިލެއް ނޫންކަމަށާއި އެމަނިކުފާނު ސާބިތުވެ ދެމިހުންނަވާނީ ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓުމުގެ މަސައްކަތުގައި ކަމަށެވެ.
މިބިލާއި ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށާއި ބިލް ފާސްވިޔަ ނުދިނުމަށް ބާރު އަޅުއްވާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ވޯޓު ދެއްވާނީ މިބިލާއި ދެކޮޅަށް ކަމަށް ވެސް ވިދާޅުވިއެވެ.
އަބުރާ ބެހުމުގެ ބިލަކީ ފަހަތަށް އަޅާ ފިޔަވަޅެއް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ