ފައިސާ ދެއްކީ ޑރ. ޝަހީދު އެކަނި: މިނިސްޓްރީ

އެމްޑީޕީގެ ސަރުކާރު އޮތް ދުވަސްވަރު ގާނޫނާ ގަވައިދާ ހިލާފަށް ދައުލަތުގެ ބަޖެޓުން ބައެއް ބޭފުޅުންނަށް ފައިސާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްތަކުގައި ބުނެފައިވާތީ ފައިސާ އަނބުރާ ދައުލަތަށް ދައްކަން އެންގި މުއްދަތުގައި ފައިސާ ދައްކާފައިވަނީ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު އެކަނި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ގާނޫނާ ގަވައިދާ ހިލާފަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަރަދުކުރި ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ބޭފުޅުންގެ ތެރެއިން ފައިސާ އަނބުރާ ދައުލަތަށް ދެއްކުމަށް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީން އެންގީ ހަތް ބޭފުޅަކަށެވެ.
މީގެ ތެރޭގައި ހިމެނެނީ ޑރ. އަހްމަދު ޝަހީދުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި އަހްމަދު ނަސީމާއި، ހޯމް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ޝިހާބާއި ހައުސިން މިނިސްޓަރުކަން ކުރެއްވި މުހައްމަދު އަސްލަމާއި، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ކުރެއްވި ޝައިހް ހުސައިން ރަޝީދު އަހްމަދާއި އަދި ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްގެ މަގާމު ފުރުއްވި މުހައްމަދު އަސްވާނަށެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މިރޭ ވިދާޅުވީ ފައިސާ ދައްކަން އެންގުމުން ޑރ. ޝަހީދު ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީން ފައިސާ ދެއްކުމަށް އަންގާ ފޮނުވި ސިޓީއާ ގުޅިގެން މުހައްމަދު ޝިހާބާއި ޝައިހް ހުސައިން ލިޔުމުން މިނިސްޓްރީއަށް ޖަވާބެއް ދެއްވާފައިވާ ކަމަށާއި، ނަމަވެސް ފިނޭންސުގެ ސިޓީއަށް އެހެން ބޭފުޅެއްގެ އެއްވެސް އިޝާރާތެއް ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ޑރ. ޝަހީދު ދެއްކެވި ފައިސާގެ ޖުމުލަ އަދަދާއި، އަދި ޝިހާބާއި ޝައިހް ހުސައިންގެ ސިޓީގައި ބުނެފައިވާ ވާހަކަތައް ފިނޭންސްގެ އޮފިޝަލް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ ފިނޭންސުން އެންގި ގޮތަށް އަމަލުނުކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މިހާރުގެ ފިނޭންސް މިނިސްޓަރު މުނައްވަރު މަގާމާ ހަވާލުވެވަޑައިގެން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމަށެވެ. އެހެންކަމުން އޮޑިޓް ރިޕޯޓްތަކުގައި ބުނެފައިވާ ފައިސާ ހޯދަން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ފިނޭންސުން އެކިއެކި ބޭފުޅުންނަށް އަންގަމުންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމްޑީޕީގެ ސަރުކާރު އޮތް ދުވަސްވަރު ސަރުކާރުގެ އިސްވެރިން އަމަލުކުރައްވާފައިވާނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަަދި ބުނެފައިވަނީ އޮޑިޓް ރިޕޯޓެއްގައި ހިމެނޭ ކަމަކާ ގުޅިގެން މައްސަލައެއް އޮތްނަމަ ދައުލަތުން ނުވަތަ ސަރުކާރުން އަމަލުކުރަން ވާނީ އޮޑިޓް ރިޕޯޓާ ގުޅިގެން އަމަލުކުރުމަށް އޮންނަ ހަމަތަކުގެ މަތިން ކަމަށް އެމްޑީޕީން ދެކޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ