ޢީދުގެ ހަރަކާތްތަށް ހިންގުމަށް ރައްޔިތުން ދެއްވި އެއްބާރުލުން ފުލުހުން ފާހަގަ ކޮށްފި

ނިމިގެން ދިޔަ ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފާ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބިދެވޭނެ މަގު ތަނަވަސް ކުރުމުގެގޮތުން މާލެ އަތޮޅުތަކުގައި ފުލުހުން ވަނީ އެބޭފުޅުން ގެ ޚާއްސަ ބެލުމުގެ ދަށުން އެކިއެކި ހަރަކާތްތަކެއް ބާއްވާފައެވެ. އަދި މީގެ އިތުރުން ރައްޔިތުން ކުޅިވަރާ މަޖަލުގައި ހޭދަކުރާއިރު ނަފްސުގެ ރައްކާތެރިކަން ކަށަވަރުވެ މުދަލުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުން ވަނީ ބުރަ މަސައްކަތްތަކެއް ވެސް ކޮށްފައެވެ. އަދި މިކަންކަން ފުލުހުންނަށް ކާމިޔާބު ކުރެވުނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށް ފުލުހުން ފާހަގަކޮށް ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވައިފިއެވެ.
ފުލުހުން ބުނި ގޮތުގައި އެބޭފުޅުންގެ މައިގަނޑު އެންމެ މުހިއްމު މަސައްކަތަކީ ޞުލްޙަވެރި، އަމާން އަދި ރައްކާތެރި މުޖުތަމަޢެއް ކަށަވަރު ކޮށްދިނުން ކަމަށް ވުމާއެކު އެއްގަމާއި ކަނޑުގައި ފުލުހުން ދަނީ މި މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުގެ ބުރަ މަސައްކަތާއި ޤައުމީ ޒިންމާ އަދާ ކުރަމުން ކަމަށެވެ. އަދި ޢީދުގެ އުފަލާއި މަޖަލުގައި ހުރިހާ ރައްޔިތުން ވަގުތު ހޭދަކުރަމުން ދާއިރު އެފަދަ ކަންކަމުގައި ފުލުހުންގެ އެހީތެރިކަމާ އެއްބާރުލުން ކައުންސިލްތަކުންނާއި މަދަނީ ޖަމޢިއްޔާތަކުން އަދި ކަމުވޮށިގެންވާ ފަރާތްތަކުން ހޯދަމުންދިޔައީ ފުލުހުންގެ ބައިވެރިވުން އޮތުމަކީ ރައްޔިތުން އެންމެ އެދޭ ގޮތް ކަމަށް ވާތީ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ނުވަ ދުވަށް ދެމިގެންދިޔަ މި އުފާވެރި ބަންދުގެ ދުވަސްތައް ފެށުމުގެ ކުރިން ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ވަނީ، މުދަލުގެ ރައްކާތެރިކަމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށް ދިނުމުގެ ގޮތުން މާލޭގައި ލުއި ކަރުދާހެއް ބަހާފައެވެ. މިކަރުދާސް ބަހާފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ފުލުހުންނެވެ. އަދި ކަނޑުމަތީގެ ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން ކަނޑުމަގުން ދަތުރު ކުރައްވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައި މުދަލުގެ ރައްކާތެރިކަން ދަމަހައްޓަން ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. މާލެއާއި މާލެ ހިމެނޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނޑުމަގުން ކުރެވުނު ދަތުރުތަކުގެ ރައްކާތެރިކަން ދެމެހެއްޓުމަށް މެރިން ޕޮލިސްގެ ފަރާތުން އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކާ ގުޅިގެން ވަނީ ކުރިޔަށް ގެންގޮސްފައެވެ.
ޢީދުގެ އުފާވެރި ދުވަސްތަކާ ގުޅިގެން ރާއްޖޭގެ ކަންކޮޅުތަކުގައި ކުޅިވަރުތައް ކުޅެ އުފާ ފާޅުކުރަމުންދިޔައިރު ރައްޔިތުންގެ ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބިގެންދިޔައީ ފުރިހަމަ އެއްބާރު ލުމާއި އެހީތެރިކަން ކަމަށް ފުލުހުން ވަނީ ފާހަގަ ކުރައްވާފައެވެ. ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ އުފާވެރިކަމާ ފުލުހުންނަށް ދިން އެއްބާރު ލުމަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ނުރައްކާތެރި އަދި ނުތަނަވަސް ކަމެއް މެދުވެރިވިޔަ ނުދިނުމަށް ކުރެވުނު މަސައްކަތް ރައްޔިތުން ބަލައިގަތްކަމުގެ ހެއްކެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ