ގާސިމް އިބްރާހިމަކީ ނަޝީދު ބޭނުންގޮތަކަށް މޮޑޭ ފުއްގަނޑެއް؟

ފޮޓޯ : ހަވީރު އޮންލައިން
ޤާނޫނު އަސާސީގެ ދިފާއުގައި ވާންޖެހުނު ކޮންމެ ޤުރުބާނީ އެއް ވުމަށް ގާސިމް އިބްރާހިމް އާއި ރައީސް މުހައްމަދު ނަޝީދު ނިކުންނަވާ އަޑަކީ މިހާރު އެންމެ ބާރަށް އިވެމުންދާ އަޑެވެ. ޤާނޫނު އަސާސީގެ ދިފާއުގައި ގާސިމް އާއި ނަޝީދު އަރުވާޖަހަފައި ނިކުންނަން ތައްޔާރުވާއިރު ނަޝީދު ވިދާޅުވެފައި ވަނީ ގާސިމް ހިމާޔަތް ކުރަން ފަހުނޭވަ އާއި ޖެހެންދެން ވެސް މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް ނަޝީދުގެ މިވާހަކަފުޅަށް ފާޑުކިޔާ މީހުން މަދެއް ނޫނެވެ. ނަޝީދުގެ ވާހަކަފުޅަށް ފާޑު ކިޔުން އަމާޒުވާ ސަަބަބުތަކެއް ވެސް އެބަ ހުއްޓެވެ.
ސިޔާސީ ޙަޤީޤަތް އެނގޭ ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަކީ ގާސިމް އަކީ ގުނބޯލެއް ކަމެވެ. މިހާ ހިސާބުން ކިޔައިދޭން މިޖެހެނީ ގުނބޯގެ މާނަ އެވެ. ގުނބޯ އަކީ ހާސިލް ނުވާނެ ކަންތައްތަކެއްގެ އުންމީދުގައި އޭނާ ހައްދައިގެން އުޅޭ، ބަހަށް ހެއްލިގެން އުޅޭ މީހާ އެވެ. ގާސިމްގެ ސިޔާސީ ހަޔާތުން ފެންނަނީ މިޙަޤީޤަތެވެ.
ރައީސް މައުމޫންގެ ވެރިކަމާއި ދެކޮޅު ސިޔާސީ ހަރަކާތުގެ މުޑުވަށް އިންދާ އެމުޑުވަށް ހައްދާ ބޮޑު ކުރީ ގާސިމް ޚަރަދު ކޮށްގެންނެވެ. 1990 ގެ އަހަރުތަކުން ފެށިގެން ސިޔާސީ ފަސާދަ އަށް ގާސިމް ވަނީ ޚަރަދު ކޮށްފައެވެ. 2000 އަހަރުތައް ފެށުނު ފަހުން އިދިކޮޅު ސިޔާސީ ފަރާތްތަކުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ހިންގަމުން ގެންދިޔަ ތަފާތު ހަރަކާތްތަކުގައި އެންމެ ބޮޑަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ އެއްބޭފުޅަކީ ގާސިމް އިބްރާހިމް އެވެ. މިއީ އޭރު ގާސިމްގެ އެހީ ލިބެމުންދިޔަ ބޭފުޅުން ވިދާޅުވާ ވާހަކަފުޅެކެވެ.
ސިޔާސީ ގޮތުން ގައުމު ހަލަބޮލި ކޮށްލުމަށް މަޝްހޫރު އޮގަސްޓް 12 – 13 ގެ ހާޖާނު އުފެއްދީ ގާސިމް އިބްރާހިމް އެންމެ އަޑީގައި ހުރެގެންނެވެ. އެމައްސަލައިގައި ގާސިމް ހައްޔަރު ވެސް ކުރިއެވެ. އެއަށްފަހު ގާސިމް ދެން ފެނިގެން ދިޔައީ އިދިކޮޅު ސިޔާސީ ފަރާތްތައް ދޫކޮށް ރައީސް މައުމޫންގެ ސަރުކާރާއި ގުޅުނު މަންޒަރެވެ.
މައުމޫނުގެ ސަރުކާރުގެ ތެރޭގައި ހުރެގެން ވެސް ގާސިމް ދިޔައީ އިދިކޮޅު ފަރާތްތަކުން ބުނި ހުރިހާ ކަމެއް ކުރަމުންނެވެ. ބޭރުގެ ބޮޑެތި ގައުމުތަކުގެ މުފައްކިރުންނާއި މުދައްބިރުންނާއި ނަޝީދު ބައްދަލުކޮށް ބައިނަލްއަގްވާމީ ގައުމުތަކުގެ ސަމާލުކަމަށް ދިވެހިންގެ ދީނާއި، ދިވެހިންގެ ގައުމު ތަސައްވަރު ކޮށްދިނުމުގައި ނަޝީދު ކުރި ހޭދައިގެ މޭސްތިރިއަކީ ވެސް ގާސިމް އިބުރާހިމްއެވެ.
މިހުރިހާ ކަމެއް މިހެން ހިނގާ ތަޤުދީރު އެމައްޗަށް މަޖުބޫރު ކުރިވި އެތައް ހާލަތާކާއި ރާއްޖެ ކުރިމަތިލާ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބަށް ގާސިމް ނިކުތީ ކައިރީގައި ތިބި އެކުވެރިން ދިން ހިޔާލާއި އެކު ވެރިކަމުގެ ފޮނި މީރުކަން ހޯދުމަށެވެ. ގާސިމްގެ ކައިރީގައި ތިބި މީހުން ރިޔާސީ އިންތިޙާބުގެ ކެމްޕޭން ބޭނުންކުރީ މުއްސަނދި ވުމުގެ މަގެއްގެ ގޮތުގައެވެ. ގާސިމްގެ ކައިރީގައި ތިބި މީހުން ގާސިމް ގުނބޯ ހެއްދީ އެވެ.
ރިޔާސީ އިންތިޙާބުގެ ފުރަތަމަ ބުރު ކޮޅެއްގައި ނުޖެހި ނިމުމުން ނަޝީދު ދުއްވައި ގަތީ ގާސިމް ކައިރި އަށެވެ. ވެރިކަމަށް އައުމަށްޓަކައި ގާސިމްގެ އަތުގައި ނަޝީދު ހިފި އެވެ. ގާސިމް އަކީ ބަޠަލަކަށް ހެދިއެވެ. ނަޝީދު ވަނީ މިފަހަރު ގާސިމް ގުނބޯ ހައްދާފައެވެ. އިންތިޙާބު ކާމިޔާބު ކޮށް 21 ވަނަ އަށްވީ ދުވަހު ގާސިމް އަމިއްލައަށް އިސްތިއުފާ ދީފައި ގެއަށް ވަޑައިގަންނަވަން ޖެހުނީ ނަޝީދު ވެރިކަމުގެ ކުޅިބައި އަތުރާލި ގޮތުން ގާސިމް އަށް އެކަށީގެންވާ އާރާއި ބާރު ނުލިބުމުންނެވެ.
އެހާ ހިސާބުން ގާސިމްވީ ޤައުމަށް ހެވެއް އަދި ލާބައެއް ނޭދޭ އަމިއްލަ އެދުމުން ފޯވެފައި ހުރި މަހުޖަނަކަށެވެ. ދުވަސްތައް ތާރީޙްގެ ޞަފްޙާތަކުގެ ތެރެއަށް ގެއްލެމުން ދިޔައިރު ނަޝީދުގެ އެންމެ ބޮޑު އެއް ސިޔާސީ ދުޝްމަނަކަށް ވަމުން ދިޔައީ ގާސިމް އެވެ.
ގާސިމް ހައްޔަރު ކޮށް ގޮޅިއަށްލާ އެއަށްފަހު ގޭގައި ބަންދުކޮށް ދޫކޮށްލީ އެވެ. ދެން ނަޝީދުގެ ސަރުކާރުން ގާސިމް އަށް ހަމަލާ ދިނީ މަޝްހޫރު 23 ޑިސެމްބަރ މުޒާހަރާ އަށް ގާސިމް ނިކުތުމުންނެވެ. ގާސިމްގެ އެއާލައިންގެ ދަތުރުތައް ހުއްޓުމަށް ނަޝީދުގެ ސަރުކާރުން މަޖުބޫރު ކުރުވިއެވެ. ގާސިމްގެ ރިސޯޓްތަކުގެ ސްޕާތައް ބަންދުކުރުވި އެވެ. އޭރު ގާސިމްހައި ނުބައި ނުލަފާ މީހަކު ރާއްޖޭގައި ނެތް ފަދަ އެވެ.
ނަޝީދު އަމިއްލައަށް ފޭހުނު އިލޮށި ނަޝީދުގެ ލޮލަށް ހެރި ވެރިކަން ވެއްޓުމާއި އެކު އެކަންވީ ބަޣާވާތަކަށެވެ. އެބަޣާވާތައް އެންމެ ބޮޑު ޚަރަދެއް ކުރި ކަމަށްވީ ގާސިމް އިބްރާހިމް އެވެ. އެމްޑީޕީ މެންބަރުން ނަޝީދުގެ ވެރިކަން ވެއްޓުނުފަހުން މަގުމަތީގައި ހޭދަކުރި ދެއަހަރެއްހާ ދުވަހު ގާސިމް އާއި ދިމާއަށް ނުގޮވާކަށް އެއްޗެއް ނެތެވެ. ގާސިމްގެ މިލްކިއްޔާތައް އެމްޑީޕީގެ ސަޕޯޓަރުން ދިން ގެއްލުން ގުނަން ޖެހުނީ މިލިއަނުންނެވެ.
ނަމަވެސް އެއީ އެދުވަހެވެ. ދެން ފެނުނީ ރިޔާސީ އިންތިޙާބުގެ ދެވަނަ ބުރުގައި ގާސިމް ނަޝީދުގެ ފަޅިއަށް ގެނައުމަށް އެމްޑީޕީ އާއި ނަޝީދު ފަސް ދުވަސް ވަންދެން ކުރި މަސައްކަތްތަކާއި ދެއްކި ވާހަކަ އެވެ. ގާސިމް ގުނބޯ ހައްދަން ނަޝީދު ލައްކަ މަސައްކަތް ކުރިއެވެ. އެފަސް ދުވަހު ގާސިމް އަކީ ބަޠަލެކެވެ. ފަސް ދުވަހުގެ މަޝްވަރާތަކުން އެފަހަރު ގާސިމް އިހްތިޔާރު ކުރީ އަނެއް ކޮޅެވެ. ގާސިމް ބައިއަތު ހިފީ ރައީސް ޔާމީން އަށެވެ.
އަނެއްކާވެސް ގާސިމްވީ ބަޣީއަކަށެވެ. އޭރު ގާސިމް އަކީ ޤައުމީ ލޯތްބެއް ނެތް ޣައްދާރެކެވެ. ދުވަސްތައް ފާއިތުވަމުން ގޮސް މަޖިލިސް އިންތިޙާބު ނިމި މަޖިލީހުގެ ރައީސް އެއް ހޮވާ ހިސާބަށް ދިޔައިރު ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ މެދުގައި އޮތް ހިޔާލު ތަފާތުވުންތަކުގެ ސަބަބުން އެމްޑީޕީގެ ކުރިމަތީގައި ގާސިމް އަނެއްކާވެސްވީ ބަޠަލަކަށެވެ.
ގާސިމް އަށް މަޖިލިސް ރާއީސް ކަމުގެ ގޮނޑި ކާމިޔާބު ނުވުމާއި އެކު އެމްޑީޕީ އަށް އެދުވަސްވަރު ގާސިމްގެ އެހީއެއް ބޭނުމެއް ނުވިއެވެ. ސަރުކާރުން އެންމެ ބޮޑަށް ފާސްކުރަން ބޭނުންވި އެސްއީޒެޑް ބިލަށް ގާސިމް ވޯޓް ދިނުމާއި އެކު އެމްޑީޕީގެ ކުރިމަތީގައި ގާސިމް އަނެއްކާވެސްވީ ބަޣީ އަކަށެވެ. އަދި އަމިއްލަ ފައިދާ އަށް މަސައްކަތް ކުރާ މީހަކަށެވެ.
ސަރުކާރުގެ ކަންތައްތައް ހިނގަމުންދާ ގޮތައް ބަލާއިރު ރައްޔިތުން ކައްކުވާ މަގުމައްޗަށް ނެރޭނެ ގޮތެއް ހޯދުން އެމްޑީޕީ އަށް މިވަނީ މަޖުބޫރު ވެފައެވެ. ސަރުކާރުން ޅަ އެއްޗެއް ނާޅާނަމަ މޮޅު ވާހަކައެއް ހެދުން އުނދަގޫ ކަމަކަށް ވެފައި ވަނިކޮށް ސަރުކާރަށް ނިސްބަތްވާ މެންބަރަކު ޤާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހެއްގެ ސަބަބުން އެމްޑީޕީ މިވަނީ ތެޅިފޮޅި ގަނެފައެވެ. ޤާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހަކީ ގާސިމް އަށް އަމާޒުކޮށް ހުށަހެޅި އިސްލާހެއް ކަމަށް ބުނެ ޖޭޕީ ވެސް އޮތީ ނޭވާ ހާސްވެފައެވެ. އަނެއްކާވެސް މިފެންނަނީ ގާސިމް ގުނބޯ ހައްދަން ނަޝީދު މަސައްކަތް ކުރާ މަންޒަރެވެ.
ޤާނޫނު އަސާސީ ދިފާއު ކޮށް ހިމާޔަތް ކުރަން ވާން ޖެހުނު ކޮންމެ ޤުރުބާނީ އެއް ވާނެ ކަމަށް ނަޝީދު ވިދާޅުވާއިރު ޤާނޫނު އަސާސީގެ 20 ވަނަ މާއްދާ އާއި 21 ވަނަ މާއްދާ އިން ރައްޔިތުންނަށް ލިބިދޭ އަސާސީ ޙައްޤުތަކުން ރައީސް ޔާމީން އާއި އަބްދުﷲ ގާޒީ މަޙްރޫމްކޮށް ޤާނޫނު އަސާސީގެ 45 ވަނަ މާއްދާ އާއި 46 ވަނަ މާއްދާއިން ލިބިދޭ ޙައްޤުތައް އެދެބޭފުޅުންގެ ކިބައިން ނިގުޅައިގަތް އިރު ތިވިދާޅުވި ޤާނޫނު އަސާސީ އިން ލިބިދިން ހިމާޔަތް ކޮބައިތޯ އެވެ.
ޤާނޫނު އަސާސީ އަކީ ވަކި ސިޔާސީ ބޭފުޅަކު ބޭނުން ވީމަ ބޭނުން ގޮތެއް ހަދަން އޮތް އެއްޗެއް ނޫނެވެ. ޤާނޫނު އަސާސީ އިން ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިދޭ ޙައްޤުތައް ހިމާޔަތް ކޮށްދިނުމަކީ އެއިރެއްގައި އޮތް ސަރުކާރެއްގެ ޒިންމާ އެކެވެ.
މިއަދުގެ ސަރުކާރުން ވެސް މިޒިންމާ އަދާކުރަން އެބަ ޖެހެއެވެ. ޤާނޫނު އަސާސީ އާއި ޤާނޫނުން ބޭރުން ދިވެހި ރައްޔިތުން ވަގަށް ނެގި މީހުންނަށް ޙައްޤު އަދަބު ދިނުމަކީ ޙައްޤު ގެއްލުނު މީހާ އަށްޓަކައި ސަރުކާރުން ކޮށްދޭން ޖެހޭ ކަމެކެވެ.
ކައިރީގައި ގެންގުޅުނު އަންހެން މަންޖެއަށް ދިން ފަޅުރައްތަކާއި މިލިއަން ރުފިޔާ އާއި ޕާޓީގެ އިސް މެންބަރުންނަށް ފަހިވާ ގޮތައް ދިން ޕްރޮޖެކްޓްތަކުގެ މައްސަލަ ބެލެން ޖެހޭނެ އެވެ. އަމިއްލަ އަށް މަޝްހޫރު ވާން ހެދި ފިލްމަށް ދައުލަތުގެ ބަޖެޓުން ކުރި ހޭދަ އަނބުރާ ހޯދަން ޖެހޭނެ އެވެ. އާއިލާގެ ޗުއްޓީ އަށް ޤާނޫނާއި ހިލާފަށް ކުރި ޚަރަދު ވެސް ހޯދަން ޖެހޭނެ އެވެ. ޤާނޫނު އަސާސީ އާއި ޤާނޫނު ހިމާޔަތް ކުރުމަކީ އެއީ އެވެ. ރައީސް ޔާމީން އާއި ސަރުކާރުން ޤާނޫނު އަސާސީ އާއި ޤާނޫނުގެ ހިމާޔަތުގައި ތެދުވެ ވަޑައިގަންނަވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ