ސަރުކާރުގެ އާސަންދަ އައީ ގާސިމްގެ ޖީބުފުޅުން އެމަސައްކަތް ފެއްޓެވިތާ އެތައް ޒަމާނެއްފަހުން - ޖޭޕީ

ޤާސިމް ހޯއްދަވައިދެއްވި އާސަންދަ ޤާނޫނަކުން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ކުރީގެ ސަރުކާރަށް ލާޒިމް ކުރިއިރު ޤާސިމް އަމިއްލަފުޅަށް ދެއްވި އާސަންދައަކީ އަމިއްލަފުޅު ޖީބުން ދެއްވި އެއްޗެއް ކަމަށް ޖުމްހޫރީ ޕާރޓީގެ ނައިބު ރައީސް އަޙުމަދު ސަޢުދު ވިދާޅުވެއްޖެއެވެ.
ސަޢުދު ވިދާޅުވީ ޤާނޫނަކުން ލާޒިމްކޮށްގެން ބޭސްސިޓީއަށް ސަލާން ޖަހަން ފެށުމުގެ މާކުރީން ބޭސްސިޓީއަށް ސަލާން ޖެހުން ކުޑަކުރައްވާފައިވަނީ ޖުމްހޫރީ ޕާރޓީގެ ލީޑަރުގެ އަމިއްލަފުޅު ވެލްފެއަރ ފަންޑަކުން ރައްޔިތުންނަށް ފޯރުކޮށްދެއްވި ބޭސްފަރުވާއިން ކަމަށެވެ.
ސަޢުދު މިވާހަކަފުޅު ދައްކަވައިފައިވަނީ ރާއްޖެއިން ލިބެން ނެތް ފަރުވާއަށް ވިލާ ފައުންޑޭޝަނުން ރާއްޖެއިން ބޭރަށް މީހުން ފޮނުއްވަމުން ގެންދަވާއިރު އެއް ދުވަސް ކޮޅެއްގައި އޭނާ ބަލިމީހުންގެ ކަންކަން ބެއްލެވުމަށް އިންޑިއާގައި ހުންނެވި ދުވަސްވަރަށް އިޝާރާތް ކުރައްވައެވެ.
އެންމެންގެ ޖުމްހޫރީ ޕާރޓީގެ ސިޔާސަތުތަކާ ޕާރޓީ ހަރުދަނާ ކުރުމަށް ހިންގާ ހަރަކާތްތައް ރައްޔިތުނާ ގާތަށް ގެނެސްދެއްވުމަށް ވީޓީވީ މެދުވެރިކޮށް ކޮންމެ ހުކުރު ދުވަހެއްގެ ރޭ ގެނެސްދޭ ޕްރޮގްރާމްގައި ސަޢުދު މިވާހަކަ ދައްކަވައިފައިވަނީ ރާއްޖޭގެ ޑިމޮކްރަސީއަށް ޤާސިމް އަޅުއްވައިދެއްވި ބިންގަލާމެދު ދެއްކެވި ވާހަކފުޅުތަކުގެ ތެރޭގައެވެ.
ސަޢުދު ވިދާޅުވީ މާކުރީއްސުރެވެސް ޤާސިމް ވަނީ ޑިމޮކްރަސީއަށް މީހުން ބިނާކުރެއްވުމުގެ މަސައްކަތް ފަށްޓަވައިފައި ކަމަށެވެ. އެގޮތުން ބޭސްފަރުވާއާއި ނިކަމެތީންނަށް ވިލާ ފައުންޑޭޝަނުން ދެއްވި އެހީން އެކަނި ނުފުދޭތީ އިތުރު ކަންކަމަށް ވިސްނުންފުޅު ހިންގަވައި، މީހުން ބިނާކުރެއްވުމުގެ މަސައްކަތް ފެއްޓެވި ކަމަށެވެ.
އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނެސްދެއްވުމަށް އެންމެ މުހިންމު ދައުރެއް އަދާކުރެއްވި ސިޔާސީ މުދައްބިރަކީ ޤާސިމް ކަމަށްވިދާޅުވެ ސަޢުދު ވަނީ އެ މަސަައްކަތުގައި ޤަސިމް އުފުއްލެވި ބުރައަށްވެސް އިޝާރާތް ކުރައްވައިފައެވެ.
އެގޮތުން އެކަމަށް ބޭނުންވާ ޤާނޫނުތައް ޤާނޫނުއަސާސީގެ ތެރެއަށް ގެނައުމަށް ކުރެއްވި މަސައްކަތްޕުޅާއެކު އަދި އެވަރުން ފުއްދައިލެވެން ނެތްކަމަށް ވިސްނަވައި ފުރިހަމަ ބިންގަލުގެ އަރުތައެއް ފެއްޓެވި ކަމަށް ސަޢުދު ވިދާޅުވުވިއެވެ.
ރާއްޖޭގައި ޑިމޮކްރަސީގެ ހިތި ރަހަލައިގެން ދިޔައިރު އެކަމަށް މީހުން ހޭލުންތެރި ކުރެއްވުމަށް މަގުމަތީގެ ރޭހެއް ފުރަތަމަ ބޭއްވެވި ބޭފުޅަކީ ޤާސިމް އިބްރާހީމެވެ. އައޭރު ޤާސިމް ހުންނެވީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި އާ ޤާނޫނު އަސާސީ ބިނާކުރެއްވުމަށްޓަކައި އެ މަޖިލީހުގެ ރައީސްގެ ގޮތުގައެވެ.
އެހެން ވުމާއެކު ޑިމޮކްރަސީއަށް ފެއްޓެވި މަސައްކަތްޕުޅާ އެކަމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނެވުމުގައި ފަސްޖެހި ވަޑައިނުގެން، މިނިވަންކަން ހިފެހެއްޓިފައި ދަނޑިވަޅެއްގައި، ޤާސިމް އިބްރާހީމްވަނީ މަސައްކަތް ކުރައްވައިފައެވެ.
ސަޢުދު ވިދާޅުވީ އޭގެކުރިއަށް ބަލައިލިއަސް 45 އަހަރަށްވުރެ ދިގު ތާރީޚެއް ރައްޔިތުންނަށްޓަކައި ޙައްޤުތައް ކަށަވަރު ކޮށްދެއްވުމަށް ޤާސިމް މަސައްކަތް ކުރައްވައިފައިވާ ކަމަށެވެ. އެހެންވީމާ ސަޢުދު ސިފަ ކުރައްވާނީ ޤާސިމް އިބްރާހީމަކީ ޑިމޮކްރަސީގެ ބައްޕަ ކަމުގައެވެ. އަދި އެއީ އެމަނިކުފާނަށް ޙައްޤު މަޤާމެއް ކަމުގައި ސަޢުދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ