ބޭރުން ބަޔަކު އައިސް މިރާއްޖެ ހިންގާކަށް ފުރުޞަތެއް ނުދޭނަން: ޣައްސާން މައުމޫނު

ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ރޭގައި ހދ.ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، އެކޯލިޝަނުން ދިވެހިރާއްޖެއަށް ބޭރު ބަޔަކު އައިސް މިޤައުމު ހިންގަން ފުރުޞަތެއް ނުދެއްވާނެ ކަމުގައި، ތ.ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ޕީޕީއެމްގެ ނައިބުރައީސް ޣައްސާނު މައުމޫނު ވިދާޅުވެއްޖެއެވެ. ޣައްސާނު ވިދާޅުވީ ކުރީގައި ފެނުނު ފަދައިން ޢުދުވާނީ ޙަމަލާދޭ މަންޒަރާއި އުންޑަތައް އިސްލާމީ މަރުކަޒާއި ސިފައިންގޭގެ ބަނޑޭރިގެއަށް އަމާޒުވާތަން ނުފެނިދާނެ ކަމުގައެވެ. ނަމަވެސް އެތެރެއިންނާއި ބޭރުން ދިވެހިރާއްޖޭގެ ސިޔާދަތަށާއި، އިސްލާމްދީނަށާއި ޤައުމުގެ އިސްތިޤުލާލަށް ނުރައްކާތެރި ހަމަލާތައް އަމާޒުވަމުންދާތީ މިއަދުގެ ޙާލަތަކީ 1988ވަނަ އަހަރުގެ ނޮވެންބަރު 03ވަނަ ދުވަހުގެ ނާމާން ބިރުވެރި ހާލަތާ ރަމްޒުވާ ހާލަތެއް ކަމުގައި ޣައްސާނު ވިދާޅުވިއެވެ. އަދި ޣައްސާނު ވިދާޅުވީ މިހާލަތުގައި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލާއި އިސްލާމްދީން ޙިމާޔަތްކުރެއްވުމަށްޓަކައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވަރަށް ހަރުދަނާ ވަރުގަދަ ސިޔާސަތުތަކެއް ތަންފީޒުކުރެއްވި ކަމުގައެވެ. އަދި މިހާރުވެސް ރައީސް ޔާމީނުގެ އިރުޝާދުގެ ދަށުން ޕްރޮގްރެސިވް ކޯލިޝަން އޮތީ އެގޮތަށް ކަމުގައާއި، މިޤައުމުން ބޭރު ބަޔަކު އައިސް މިޤައުމު ހިންގަން ފުރުޞަތު އެކޯލިޝަނުން ނުދޭނެ ކަމުގައާއި، އަދި އިސްލާމްދީނަށް ހަމަލާދީ ބަލިކޮށްލާނެ ފުރުޞަތެއްވެސް އެކޯލިޝަނުން ނުދޭނެ ކަމުގައާއި، ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކުރާނެ ކަމުގައިވެސް ޣައްސާނު ވިދާޅުވިއެވެ. އަދި މިކަންކުރުމަށް އެންމެ އަވަހަށް ރައްޔިތުންނަށް ކޮށްދެއްވޭނެ ކަމަކީ ރައީސް ޔާމީނު އަލުން ދިވެހިރާއްޖޭގެ ވެރިކަމަށް ގެންނަވައިގެން ކަމުގައި ޣައްސާނު ވިދާޅުވިއެވެ. އަދި އެކަމަށް އެޅޭނެ ފުރަތަމަ ފިޔަވަޅަކީ ކުރިއަށް ލޯކަލް ކައުންސިލް އިންތިޚާބު ޕީޕީއެމަށް ކާމިޔާބުކުރުން ކަމުގައިވެސް ޣައްސާނު ވިދާޅުވިއެވެ. އޭގެ އިތުރަށް ޣައްސާނު ވިދާޅުވީ އިއްޔެއަކީ އެމަނިކުފާނުގެ  ހިތްޕުޅަށް ވަރަށް ފުން އަސަރެއް ކުރި ދުވަހެއްކަމުގައެވެ. އެއީ ޝަހީދު ޙުސައިން އާދަމްގެ ބައްޕާފުޅާ ބައްދަލުކުރެއްވުނީތީ ކަމުގައިވެސް ޣައްސާނު ވިދާޅުވިއެވެ.  ޤައުމީ ޚިދުމަތާއި، ޤައުމަށްޓަކައި ޤުރުބާންވުމާ ގުޅޭ ގޮތުން ޅެންވެރިން ލިޔުއްވާފައިވާ ޅެންބައިތުތަކުގެ މާނަ ހިތްޕުޅަށް ވެރިވި ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
100 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ