ޖޭއެސްސީން އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ބަލަނީ

ފެމިލީ ކޯޓުގެ ގާޒީ އަބްދުުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
Advertisement
ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމަށް ފަހު ނެރުނު ޕްރެސް ރިލީޒްގައި ބުނެފައި ވަނީ އަބްދުﷲ ގާޒީގެ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ދީފައެއް ނުވެ އެވެ. "ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގެ ދަށުން ފެމިލީ ކޯޓުގެ ގާޒީ އަލްއުސްތާޒް އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ކޮމިޝަނުން ނިންމި އެވެ،" އެ ޕްރެސް ރިލީޒްގައި ވެއެވެ. ފަނޑިޔާރުންނާއި ގާޒީން ތިއްބަވާ ވައިބާ ގްރޫޕެއްގައި އަބްދުﷲ ގާޒީ ހިއްސާ ކުރެއްވި ޅެމެއްގެ މައްސަލަ ދާދި ފަހުން ފެންމަތިވެފައިވާ ކަމަށް ވެއެވެ. އެގޮތުން އެ ޅެމަކީ ކުރީގެ ރައީސް މުހައްމަދު ނަޒީދުގެ ވެރިކަން ބަދަލުވި ދުވަހާ ޖެހިގެން އައި ފެބްރުއަރީ 8، 2012 ގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅުން ހުރި ޅެމެއް ކަމަށް ވެއެވެ. ބައެއް ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި "ހެޕީ ބޮޑު ހުޅު ޑޭ" ގެ ނަމުގައި އެ ޅެން ވައިބާ ގްރޫޕާ ހިއްސާ ކުރެއްވީ ވެސް އެ ހާދިސާއަށް އަހަރު ފުރުނު ދުވަހާ ދިމާކޮށެވެ.އެކަމަކު ޖޭއެސްސީން ބަލަމުން ދަނީ އެ ޅެމުގެ މައްސަލަ ކަމެއް ޔަގީނެއް ނޫނެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމަށް މަޖުބޫރުވި މުޒާހަރާތައް ފެށުނީ އަބްދުﷲ ގާޒީ ބަންދު ކުރުމާ ގުޅިގެންނެވެ. އެމަނިކުފާނުގެ އިސްތިއުފާއަށް ފަހު އަބްދުﷲ ގާޒީ މިނިވަން ކުރި އެވެ. އަބްދުﷲ ގާޒީ ބަންދު ކުރީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ، ރައީސް ނަޝީދާ ދެކޮޅަށް ޓެރަރިޒަމްގެ ދައުވާކޮށް، 13 އަހަރަށް ޖަލަށް ހުކުމް ކުރީ ނިމިދިޔަ ރިޔާސީ ދައުރުގަ އެވެ. އެކަމަކު އޭގެ ފަހުން 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ