ބޭކާސް ފެންޓަސީ ހުޅުމާލޭގެ ހުރިހާ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފި

ބޭކާސް ފެންޓަސީ ހުޅުމާލޭގެ ހުރިހާ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފިއެވެ.
ހުޅުމާލޭގައި ހުންނަ ބޭކާސް ފެންޓަސީ އިން އިއްޔެ އެތަނުގެ މުވައްޒަފުންނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މުޅި ދުނިޔެ އަށް ދިމާވެފައިވާ ކޮވިޑް-19 ހާލަތުގެ ސަބަބުން ރާއްޖޭގެ ރިސޯޓުތައްވެސް ހުއްޓުމަކަށް އައިސްފައިިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން އެ ބޭކަރީ އަށްވެސް އޭގެ ގެއްލުން ދައްކަމުންދާ ކަމަށެވެ.
އެހެންކަމުން، މި މަހުގެ 31ން ފެށިގެން ހުޅުމާލޭގައި ހުންނަ ބޭކަރީ ބަންދު ކުރާނެ ކަމަށާއި އަދި އެ ދުވަހުން ފެށިގެން ތަނުގެ ވިޔަފާރި އާއި އެންމެހައި މުވައްޒަފުންގެ ވަޒީފާވެސް ނިމުމަކަށް އަންނާނެކަމަަށް ވަނީ އަންގާފައެވެ.
ބޭކާސް ފެންޓަސީ ހުޅުމާލެ ބަންދުކުރަން ނިންމި ނަމަވެސް އެތަނުގެ މެނޭޖްމަންޓުން ބުނެފައި ވަނީ މިގޮތަށް ކަންތައް ކުރަން ޖެހުނީ މަޖުބޫރުވެގެން ކަމަށާއި ނަމަވެސް، އޭޕްރިލް މަހުގެ މުސާރަވެސް އެތަނުގެ މުވައްޒަފުންނަށް ހަމަޖައްސައިދޭނެ ކަމަށެވެ.
ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ވިޔަފާރިތަކެއް ހުއްޓުމަކަށް އައިސް، އެތައް މިލިއަން ބައެއްގެ ވަޒީފާތައް ދަނީ ގެއްލެމުންކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ