ކައުންސިލަރުންގެ ދައުރުގެ މުއްދަތު ދަންމައިލުމަށް މަޖިލިހަށް ހުށަހަޅާފައިވާ ޤާނޫނަކީ ޤާނޫނު އަސާސީއާ ޚިލާފު ޤާނޫނެއް ކަމުގައާއި އެޤާނޫނުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ. ރައްޔިތުން މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޙަސަން ލަޠީފު މަޖިލިހަށް ހުށަހަޅުއްވާފައިވާ ބިލަކީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވުމަށްފަހު އެމީހުންނަށް މަޤާމުގައި ތިބެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ހުށަހަަޅާފައިވާ ޤާނޫނެކެވެ. ޤާނޫނު އަސާސީގައި ކައުންސިލަރުންގެ ދައުރު ކަމަށް ކަނޑައަޅާފައިވަނީ 3 އަހަރު ދުވަހުގެ މުއްދަތެކެވެެ. ޕްރޮގުރެސިވް ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޙަސަން ލަޠީފު ހުށަހަޅުއްވާފައިވާ ޤާނޫނަކީ ޤާނޫނު އަސާސީއާ ސީދާ ފުށުއަރާ ޤާނޫނެއް ކަމުގައެވެ. އަދި ޤާނޫނު އަސާސީގައި ކައުންސިލުގެ ދައުރުގެ މުއްދަތު ސާފުކޮށް ބަޔާންކޮށްފައިވަނިކޮށް، ޢާންމު ޤާނޫނަކުން ޤާނޫނު އަސާސީގެ މާއްދާއަކަށް އުނިއިތުރު ނުކުރެވޭނެ ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ. އޭގެ އިތުރަށް ޤާނޫނު އަސާސީއާ ޚިލާފު ކޮންމެ ޤާނޫނަކީ އޭގެ އަޞްލުގައި ބާޠިލު ޤާނޫނަކަށްވާނެ ކަމުގައި ޤާނޫނު އަސާސީގަިއ ބަޔާންކޮށްފައިވާ ކަމަށްވެސް އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ޤާނޫނު އަސާސީގައި ކުރުމަށް ކަނޑައަޅާފައިވާ ކަމެއް ނުކުރެވޭނެ ޙާލަތެއް އަތުވެއްޖެނަމަ، އެޙާލަތުގައި ކަންކުރާނެ ގޮތް ކަނޑައަޅައި ޤާނޫނު އަސާސީ މާނަކުރާނީ ސުޕްރީމު ކޯޓުން ކަމަށްވެސް އެކޯލިޝަނުން ބުނެފައިވެއެވެ. އެނޫން ގޮތަކަށް ޢަމަލުކުރާނަމަ އޮންނާނެ ގޮތަކީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިޖުރާއާތުތައް ފުރިހަމަކޮށް ޤާނޫނު އަސާސީއަށް އިޞްލާޙެއް ގެނައުން ކަމުގައިވެސް އެކޯލިޝަނުން ފާހަގަކުރިއެވެ. އެކޯލިޝަނުގެ ބަޔާނުގައި ފާހަގަކުރި ގޮތުގައި މިހާރު މަޖިލިހަށް ހުށަހަޅައި ބަލައިގަނެފައިވާ ބިލަކީ ޤާނޫނު އަސާސީގައި ހަމަޖެހި އިސްތިޤުރާރުވެފައިވާ ދުސްތޫރީ ނިޒާމުގެ އުޞޫލުތައް ގަޑުބަޑުކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ. އަދި އެމްޑީޕީއަށް މަޖިލިހުގައި ލިބިފައިވާ އަޣުލަބިއްޔަތުގެ ނާޖާއިޒު ފައިދާ ނަގައި، އެމްޑީޕީން ބޭނުންވާ ގޮތަކަށް އިންތިޚާބުތަކާ ކުޅުމުގެ ފުރުޞަތު ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އެބިލު ކޯލިޝަނުން ޞިފަކޮށްފައިވެއެވެ. އަދި މިކަން އިދިކޮޅު ކޯލިޝަނުން ޞިފަކޮށްފައިވަނީ ޤާނޫނު އަސާސީގައި ޤާނޫނު އަސާސީއަށް ބަދަލު ގެނެވޭނެ އުޞޫލުތައް ކަމަށް ބުނެފަިއވާ އުޞޫލުތަކާ ޚިލާފަށް ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި، ކުރައްވާ މަސައްކަތެއްގެ ގޮތުގައެވެ. އަދި މިހާރުން މިހާރަަށް މިމަސައްކަތް ހުއްޓައިލުމަށް އެކޯލިޝަނުން ގޮވާލާފައިވެއެވެ. އަދި މިޤާނޫނަކީ ޤާނޫނު އަސާސީއާ ޚިލާފު ޤާނޫނެއް ކަމުގައި ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ކޯލިޝަނުން ކުރަމުންދާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ކައުންސިލްތަކުގެ ދައުރު އިތުރުކުރާ ބިލުގެ މައްސަލަ ޕްރޮގްރެސިވް ކޯލިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ