ރައީސް ޔާމީން މާދަމާ ފުލުހަށް ހާޒިރުވާން އެންގުމުން ޖަމީލު ކަންބޮޑުވުން ފާޅުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މާދަމާ މެންދުރުފަހު 1:30 އަށް ފުލުހަށް ހާޒިރުވާން އެންގުމާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޖަމީލް މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ރައްޔިތުން ކޮވިޑް-19 އިން ރައްކާތެރިވާން އެޗްޕީއޭއިން އަންގާފައިވަނިކޮށް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރުމަކީ ކިހާ ވަރެއްގެ ރައްކާތެރިކަމާއެކު ކުރާ ކަމެއްތޯ އާއި ޑޮކްޓަރުން ރާއްޖެ ލޮކްޑައުންކުރަން ގޮވާލަމުންދާ އިރު، މިކަމަކީ ކިހާ ޒިންމާދާރު ކަމެއްތޯ ސުވާލު އުފައްދަވައިފައެވެ.
ޖަމީލް ވިދާޅުވީ ރައީސް ޔާމީނަކީ ޖަލުބަންދުގައި ހުންނެވި ބޭފުޅަކަށްވާ އިރު، ކޮންމެ ވަގުތެއްގައިވެސް އެމަނިކުފާނާއި ސުވާލުކުރެވިދާނެ ކަމަށެވެ. އެހެންކަމުން މިހާ ބޮޑަށް ކުއްލިއަކަށް ހާސިލުކުރަންޖެހިގެން އުޅެނީ ކޮންކަމެއްތޯ އާއި މީގެ ސިއްރަކީ ކޮބައިތޯ ޖަމީލް ވަނީ ސުވާލު އުފައްދަވާފައިވެއެވެ.
ފުލުހުން އަންނަނީ ރައީސް ޔާމީންއާ ގުޅޭ މައްސަލަތަކެއްގެ ތަހުގީގެއް ހިންގަމުންނެވެ. ބެެލެވޭ ގޮތުގައި މާދަމާ ފުލުހަށް ހާޒިރުކުރަނީ އެ މައްސަލަތަކާ ގުޅިގެން ސުވާލު ކުރުމަށެވެ. މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުވެސް ރައީސް ޔާމީން ފުލުހަށް ހާޒިރުވުމަށް އެންގިއެވެ. ނަމަވެސް ފަހު ވަގުތު ރައީސް ޔާމީން ގެނައުން ވަނީ ކެންސަލްކޮށްފައެވެ.
ރައީސް ޔާމީންއާ ގުޅޭގޮތުން ފުލުހުން މިހާރު ހިންގަމުންދާ ތަހުގީގާ ގުޅިގެން ދެ ފަހަރެއްގެ މަތިން އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރިއެވެ. އަދި އެންމެ ފަހުން މި މަހުގެ ފަސްވަނަ ދުވަހު ހާޒިރުކޮށްފައިވާއިރު އެ ދުވަހު ފުލުހުން ވަނީ އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން ގަޑިއެއްހާއިރަށް އެމަނިކުފާނުގެ ގެކޮޅަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ