ހިރިޔާ ސްކޫލް ސްކައުޓުންގެ ބައްދަލުވުންތައް އޮންލައިންކޮށް ފަށައިފި

ހިރިޔާ ސްކޫލްގެ ސްކައުޓުން ފުރަތަމަ ފަހަރަށް އޮންލައިންކޮށް ސްކައުޓް ބައްދަލުވުމެއް ބާއްވައިފިއެވެ. ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކުގެ އިތުރު ޙަރަކާތްތައް މެދުކަނޑާލުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންގަވާފައިވާތީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ދަރިވަރުން ބައިވެރިކޮށްގެން ކުރިއަށް ގެންދާ ޔުނީފޯމް ޙަރަކާތްތައް މިހާރުވަނީ މެދުކަނޑާލާފައެވެ.
 
ހިރިޔާ ސްކޫލްގެ ސްކައުޓް ގްރޫޕުން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދު އޮންލައިކޮށް ކުރިއަށްދިޔަ ބައްދަލުވުމަކީ ހިރިޔާ ސްކޫލްގެ ސްކައުޓުންގެ ތެރޭގައި ހިމެނޭ ޕެޓްރޯލްތައް ހިންގުމާ ޙަވާލުވެތިބި އެސްކައުޓް ގްރޫޕްގެ ޕެޓްރޯލް ލީޑަރުންގެ ގޮތުގައި ތިބި ދަރިވަރުންގެ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި 7 ޕެޓްރޯލް ލީޑަރުންނާއި، އެސްކޫލްގައި ސްކައުޓް ޙަރަކާތް ހިންގުމާ ޙަވާލުވެތިއްބެތި 3 ސްކައުޓް ލީޑަރުންނާއި، ސްކޫލްގައި ސްކައުޓް ޙަރަކާތް ހިންގުމާ ޙަވާލުވެ ހުންނެވި ލީޑިންގ ޓީޗަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
 
އޮންލައިން އެޕްލިކޭޝަނެއް މެދުވެރިކޮށް ކުރިއަށްދިޔަ މި ބައްދަލުވުމަކީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކުގެ އިތުރު ޙަރަކާތްތައް ހިންގުން މަޑުޖެހިފައިވާތީ، އެކަމުގެ ސަބަބުން އެ ޙަރަކާތުގައި އުޅޭ ކުދިންގެ ކުރިއެރުމަށް ހުރަސްނޭޅޭނެ މަގުން ކަންކުރެއްވުމަށް ނިންމެވި ނިންމެވުމެއްކަމަށް ހިރިޔާ ސްކޫލްގެ ސްކައުޓް ލީޑަރ ވިދާޅުވިއެވެ.
 
މިއީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ސްކައުޓް މީޓީންގްތައް ނުބޭއްވޭނަމަ އޮންލައިންކޮށް ހިރިޔާ ސްކޫލްގެ ސްކައުޓް މީޓިންގްތައް ކަނޑައެޅޭ ވަކި ތާވަލެއްގެ މަތިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށްވެސް ހިރިޔާ ސްކައުޓް ގްރޫޕުން މަޢުލޫމާތު ދެއްވައެވެ. އަދި އޮންލައިންކޮށް ކުރިއަށްދާ ސްކައުޓް މީޓިންގްތަކުގައި އެހެން ގައުމުތަކުގެ ތަޖުރިބާކާރު ސްކައުޓުންނާއި ލީޑަރުންވެސް ކުރިއަށްއޮތް ތަނުގައި ބައިވެރިވާނެކަމަށް ހިރިޔާ ސްކައުޓް ގްރޫޕުން މަޢުލޫމާތު ދެއްވައެވެ.
 
ޓެކްނޮލޮޖީއާއި މީޑިޔާ ބޭނުންކުރުމަކީ މިހާރު ކިޔަވައިދެވޭ ކަރިކިޔުލަމްގައި ދަރިވަރުންގެ ކިބައިގައި އަށަގަންނުވަން ބޭނުންވާ ޤާބިލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ޤާބިލިއްޔަތެކެވެ. ހިރިޔާ ސްކޫލްގެ ސްކައުޓް ޙަރަކާތުގައި އުޅޭ ދަރިވަރުން އިސްނަގައިގެން ރާއްޖޭގައި ފުރަތަމަފަހަށް ސްކައުޓް ޙަރަކާތާ ބޭހޭ ޚާއްޞަ ވެބް ސީރީޒެއްވެސް މިދިޔަ އަހަރު ވަނީ ފަށާފައެވެ. އަދި މިއަދު މިފެށި އޮންލައިން ބައްދަލުވުންތަކަކީވެސް ރާއްޖޭގެ 60 އަހަރަށްވުރެ ގިނަދުވަސްވީ ސްކައުޓް ތާރީޚުގައި ފުރަތަމަ ފަހަރަށް ސްކޫލެއްގެ ސްކައުޓް ގްރޫޕެއްގެ މުޅި ބައްދަލުވުން އޮންލައިންކޮށް ބޭއްވުނު ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ. މިބައްދަލުވުން ކުރިއަށް ދިޔައީ ބައްދަލުވުމުގެ ބައިވެރިން އެކުއްޖެއްގެ ގޭގައި ތިބެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ