ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީން ބިލެއްދޫ ދާއިރާގެ ޓިކެޓު އެހެން ބޭފުޅަކަށް ދޭން ނިންމާފައިވަނިކޮށް އެ ޕާޓީގެ ކައުންސިލު މެމްބަރު އަހުމަދު ސައުދު އަމިއްލަ ގޮތުން އެ ދާއިރާއަށް ކުރިމަތިލައްވަން ނިންމައިފިއެވެ.
ބިލެއްދޫ ދާއިރާގެ ޓިކެޓު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ދެއްވާފައި ވަނީ ކުރިން ވެސް އެޕާޓީގެ ޓިކެޓުގައި އެދާއިރާއަށް ހޮވިވަޑައިގަތުމަށް ފަހު ޕީޕީއެމަށް ސޮއިކުރެއްވި އަހުމަދު މުބީނަށެވެ. މުބީން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް އައުމާއެކު އަލުން ޖޭޕީއަށް ސޮއި ކުރައްވާފައެވެ.
ސީއެންއެމްއާ ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، ބިލެއްދޫ ދާއިރާއަށް ވާދަކުރައްވަން މިދިޔަ ފަސް އަހަރުގައި ވިސްނެވި ކަމަށާއި އެދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރަން ނިންމެވީ އެދާއިރާއަކީ ގާތް ބަޔަކު އުޅޭ ދާއިރާއަކަށް ވެފައި އެދާއިރާއަށް ވާދަކުރެއްވުމަށް ގިނަ ރައްޔިތުންތަކެއް އެދެމުންދާތީ ކަމަށެވެ.
ޖޭޕީގެ ޓިކެޓު މުބީންއަށް ދިންނަމަވެސް އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތްކަން ފާހަގަކުރައްވާ ސައުދު ވިދާޅުވީ، ބިލެއްދޫ ދާއިރާއަށް އޭނާ ކުރިމަތިލާން ނިންމެވީ ޕާޓީގެ ނިންމެވުމަށް އިހްތިރާމު ނުކުރުމުގެ ގޮތުން ނޫން ކަމަށެވެ. އެކަމަކު އޭނާ އެދާއިރާއަށް ވާދަކުރެއްވުމަކީ ދާއިރާގެ ގިނަ ރައްޔިތުންތަކެއްގެ އެދޭ ކަމަކަށް ވާތީ ކަމަށެވެ.
ޖޭޕީން ބުނީ، އެދާއިރާއަށް ޕާޓީގެ ރަސްމީ ކެންޑިޑޭޓެއް ވާދަކުރެއްވި ނަމަވެސް ސައުދާއި މެދު ވަކި ފިޔަވަޅެއް އަޅަން އަދި ނުނިންމާ ކަމަށެވެ.
ޖޭޕީން އިދިކޮޅު ޕީޕީއެމްއާ އެކު މަޖިލިސް އިންތިހާބަށް ކޯލިޝަން ހަދާފައިވާ ކަމުގެ އަޑުތައް ފެތުރުން ނަމަވެސް އެކަން ޕާޓީން ދޮގުކުރެއެވެ. އެކަމަކު، ޕީޕީއެމުން ބައެއް ދާއިރާތަކަށް ވާދަކުރާ ޖޭޕީ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމާފައިވާއިރު ޖޭޕީން ވެސް ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމާފައިވާކަމަށް ވެއެވެ.
ޖޭޕީގެ ކައުންސިލު މެމްބަރު ސައުދު އަމިއްލަ ގޮތުން ބިލެތްދޫ ދާއިރާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ