ކުރީގެ މެމްބަރު އަސްމާގެ ފިރިކަލުން ހުސައިން ޝަރީފް އަވަހާރަވެއްޖެ

މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އަސްމާ ރަޝީދުގެ ފިރިކަލުން، އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު)ގެ ބައްޕާފުޅު މ. ކޮތަންމާގޭ، ހުސައިން ޝަރީފު މިއަދު އަވަހާރަވެއްޖެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރަށް ހިދުމަތް ކުރެއްވި ހުސައިން ޝަރީފު އުމުރުފުޅުން 71 އަހަރުގައި އަވަހާރަވީ މިއަދު ހެނދުނު އިންޑިއާގެ ބެންގަލޫރުގައެވެ. އޭނާ އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ހުސައިން ޝަރީފަކީ ސަރުކާރުގެ އެކި މަގާމުތަކުގައި 40އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގަ އެވެ. އޭގެ އިތުރުން ފޮރިން މިނިސްޓްރީގައި ވެސް އޭނާ ގިނަ ދުވަހު ހިދުމަތްކުރައްވައިފައިވެއެވެ. ސޮވިއެޓް ޔޫނިއަނުން ތައުލީމު ހާސިލުކުރެއްވި ހުސައިން ޝަރީފުގެ ތިއްބަވަނީ ތިން ބޭފުޅުންނެވެ. އޭނާގެ ބޭފުޅުންގެ ތެރެެއިން މުންދު އާއި އައިމިނަތު ހުސެން ޝަރީފަކީ ވެސް ސަރުކާރުގެ އެކި މަގާމުތައް އަދާ ކުރައްވާފައިވާ ބޭފުޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ