އުމަރު އިސްކޮށް ހުރެ "އިދިކޮޅު މާހެފުން" ބާއްވަން ނިންމައިފި

ކުރީގެ ހޯމް މިނިސްޓަރ އަދި ކުރިއަށް އޮތްތަނުގައި އިދިކޮޅު ހަރަކާތްތައް ލީޑް ކުރައްވާނެ ކަމަށް ބެލެވޭ އުމަރު ނަސީރު އިސްކޮށް ހުންނަވައިގެން "އިދިކޮޅު މާހެފުން" ނަމުގައި މާހެފުމެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
އުމަރުގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ "އިދިކޮޅު މާހެފުން" 3 މެއި، ހުކުރު ދުވަހުގެރޭ 21:00 ގައި ޕީޕީއެމް އޮފީސް ދޮރުމައްޗާދިމާލުން އާޓިފިޝަލް ބީޗު ތެރޭގައި އޮންނާނެ ކަމަށެވެ.
އުމަރު އިސްކޮށް ހުންނަވައިގެން މީގެ ކުރިން ވަނީ "އިންޑިއާ ސިފައިން ފައިބާ" ގެ ނަމުގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ޤައުމީ ހަރަކާތް އިއުލާންކޮށް، އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ހުޅުވާލާފައެވެ.
ނަމަވެސް މި އިވެންޓް ކުރިޔަށް ގެންދިއުމަށްޓަކައި ބުކްކޮށްފައިވާ ދަރުބާރުގެ ފައިސާވެސް ދަައްކާފައި އޮއްވާ, މިނިސްޓްރީގެ ބޭނުމަކަށް ކަމަށްބުނެ ދަރުބާރުގެ ނުލިބޭނެ ކަމަށް އެންގިއެވެ. އޭގެ ފަހުން އާޓިފިޝިއަލް ބީޗްގައި ބާއްވަން އުޅުނު އެވުން ވެސް ވަނީ ފަހު ވަގުތު ފުލުހުން ނިކުމެ ހުއްޓުވާފައެވެ.
އުމަރު ވަނީ މީގެ ކުރިން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީނާ ގުޅިގެން ޕީޕީއެމް ރީ-ބްރޭންޑް ކުރަން ބޭނުންވާ ކަމަށާއި އެ ޕާޓީގެ ރައީސް ކަމަށް ޝައުގުވެރިވާކަމަށް ވިދާޅުވެފައެވެ.
އުމަރަކީ ޕީޕީއެމް އުފެދިގެން އައި ދުވަސްކޮޅު ވަރަށް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޔާމީނާއެކު ވެސް އުމަރު ވަނީ ވާދަ ކުރައްވާފައެވެ. އުމަރު އަލުން ޕީޕީއެމްއާ ގުޅި ވަޑައިގަތުމަށާއި ލީޑާޝިޕަށް ވަޑައިގަތުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ކަން ރައީސް ޔާމީން ވެސް ވަނީ އެ ޕާޓީގެ ކައުންސިލް މެންބަރުން އަރިހު ދާދިފަހުން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ