ނާކާމިޔާބުވީ އިންތިހާބަށް ނޭދެވޭ ނުފޫޒު ވަނުމުގެ ސަބަބުން: ރައީސް މައުމޫން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި އެމަނިކުފާނުގެ ތާއީދާއެކު ވާދަކުރެއްވި ކެންޑިޑޭޓުންނަށް ނާކާމިޔާބާ ކުރިމަތިލާން ޖެހުނީ އިންތިހާބަށް ނޭދެވޭ ނުފޫޒު ވަނުމުން ކަމަށް ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ. ރައީސް މައުމޫންގެ ތާއީދާއެކު އަމިއްލަ ގޮތުން މިފަހަރު އިންތިހާބުގައި 20 ކެންޑިޑޭޓަކު ވާދަ ކުރެއްވިއެވެ. ނަމަވެސް ނިލަންދޫ ދާއިރާއަށް ވާދަ ކުރެއްވި އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ފިޔަވައި އެއްވެސް ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ނުކުރެވުނެވެ. ރައީސް މައުމޫންގެ ކެމްޕެއިން ޓީމާއި ކެންޑިޑޭޓުންނާއެކު މިރޭ ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނުގެ ތާއީދާއެކު މަޖިލީހަށް ކުރިމަތިލެއްވި ކެންޑިޑޭޓުންނަކީ ވަރަށް ރަނގަޅަށް މަޖިލީހުގެ މަސައްކަތް ކުރެއްވޭނެ ގާބިލް ބޭފުޅުން ކަަމަށާއި އެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބު ނުވުމަކީ ވަރަށް ބޮޑު އުނިކަމެއް މަޖިލީހަށް އަންނެކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ. "އެ ބޭފުޅުން މަޖިލީހުގައި ނެތުމުން މަޖިލިސް ވަރަށް ބޮޑަށް އުނިވެގެން އެ ދިޔައީ. މަޖިލީހުގައި އެ އުނިކަން ފެންނާނެ ކަން އަޅުގަނޑަށް ޔަގީން. އެހެން ނަމަވެސް ކަންދިމާވި ގޮތަކީ އެބޭފުޅުން މަސައްކަތް ކުރެއްވި ނަމަވެސ،ް އެބޭފުޅުން ކުރެއްވި މަސައްކަތާ އެއްވަރަށް ކާމިޔާބު ލިބުމުގެ ފުރުސަތު ހަނިވެގެން ދިޔައީ. އެއީ އެނގިވަޑައިގަންވާނޭ ފަދައިން އެކި އެކި ނޭދެވޭ ނުފޫޒު ވަނުމުންގެ ސަބަބުން،" ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ ނަޒާހަތްތެރި މަޖިލީހެއް ކަމަށާއި ނަޒާހަތްތެރި މަޖިލީހެއް އިންތިހާބު ވާނީ ނަޒާހަތްތެރި އިންތިހާބެއް ބޭއްވިގެން ކަމަށެވެ. އަދި އެކަން ކުރެވޭނީ އިންތިހާބަށް ނަޒާހަތްތެރި މާހައުލެއް ގާއިމުވެގެން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. "އެއާ ހިލާފަށް ކަންތައްތައް ހިނގާ މާހައުލެއްގައި ބޭއްވޭ އިންތިހާބުގެ ނަތީޖާތަކަކީ ހަގީގަތުގައި ތެދު ނަތީޖާތަކަކަށް ނުވާނެ،" ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވީ، އިންތިހާބުގެ މާހައުލު ވާން ޖެހޭނީ އެ ކެންޑިޑޭޓުންނަށް އެހިތެރިވާ އަދި ހުރިހާ ކެންޑީޓޭޓުންނަށް ވެސް ހަމަހަަމަ ފުރުސަތުތަކެއް ލިބެން ޖެހޭ މާހައުލަކަށް އިިންތިހާބުގެ މާހައުލާ ވާން ޖެހޭ ކަމަށެވެ. ނިމިދިޔަ މަޖިލިސް އިންތިހާބުގައި ކަން ވެގެން ދިޔައީ އެހެން ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނު މި ހުންނެވީ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި ކަމަށާއި ކޯލިޝަންގައި ދެމި ހުންނަވާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ވެސް ދަންނަވާފައިވާނެ ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް ރައީސް އަށް މަރުހަބާ ދަންނަވައި، ރައްޔިތުނަށް ފާއިދާ ހުރި ކޮންމެ ކަމެއްގައި ރައީސް ސޯލިހަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އަރުވާފައިވާނެ ކަމަސް ރައީސް މައުމޫން ވިދާޅުވިއެވެ. ނަމަވެސް ކަންތައްތައް އިސްލާޙު ކުރަން ވިސްނާލަން އެބަ ޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. "އެހެން ނަމަވެސް އަޅުގަނޑުމެން ވިސްނާލަން އެބަ ޖެހޭ، ކަންތައްތައް އިސްލާހު ކުރަން. އިސްލާހު ކުރަން ޖެހޭ ގޮތާމެދު ވިސްލާން ޖެހޭ. އިންތިހާބުގެ ކަންތައްތައްވެސް މިއަށްވުރެ ފުރިހަމަކޮށް ދާނެ ގޮތެއް އެބަޖެހޭ އިންތިޒާމް ކުރެެވެން،" ރައީސް މައުމޫން ވިދާޅުވިއެވެ. މަޖިލިސް އިންތިހާބުގައި ރައީސް މައުމޫން ކެމްޕެއިން ކުރައްވަމުން ގެންދެވީ "މާއްދާ 4" ނަމުގައެވެ. އިންތިހާބުގައި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން އާއި އަދި މައުމޫނާ ވަރަށް ގާތް ބޭފުޅުންނަށްވެސް އިންތިހާބުގައިވަނީ ނާކާމިޔާބުވެފައެވެ. މި އިންތިހާބުގައި މައުމޫނުގެ ދަރިކަލުން މުޙައްމަދު ޣައްސާން މައުމޫނު ގޮނޑި ކާމިޔާބު ކުރެއްވީ އެ ދާއިރާއިން މައުމޫނު ތާއީދު ކުރެއްވި ކެންޑިޑޭޓަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ