ވިހެއުމުންދޭ ހަ މަހުގެ ޗުއްޓީ ސިޔާސީ މުވައްޒަފުންނަށް ވެސް ލިބޭ ގޮތަށް ހަމަޖައްސައިފި

ސިޔާސީ މުވައްޒަފުންނަށް ވެސް ވިހެއުމުން ދޭ ހަ މަހުގެ ޗުއްޓީ ދޭން ފަށައިފި އެވެ.
ވިހެއުމުން ދޭ ޗުއްޓީ އާ ބެހޭ އުސޫލު އިސްލާހުކޮށް މިހާރު ސަރުކާރުގެ ގެޒެޓްގައި ޝާއިރުކޮށްފައިވާއިރު ވިހެއުމާއި ގުޅިގެން ދޭ އިނާޔަތްތައް ދެވޭނީ ބަލިވެ އިނދެ 27 ހަފުތާގެ ފަހުން ވިހައިފި ނަމަ ކަމަށް ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން އެ އުސޫލުގައި ބުނަނީ މުވައްޒަފަކު ވިހާނެ ކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން އެ މުވައްޒަފަކަށް، އެސެޓްފިކެޓުގައި ބުނާ ތާރީހުން ފެށިގެން 6 މަސް ދުވަހުގެ ޗުއްޓީއެއް، ބަންދު ދުވަސްތައް ހިމަނައިގެން ހަމަ މުސާރައާއެކު ދެވޭނެ ކަމަށެވެ.
މުވައްޒަފަކު ބަލިވެ އިނދެ 27 ހަފުތާގެ ފަހުން ވިހޭއިރު، ދަރިފުޅުގެ ފުރާނަ ނެތްނަމަ، ވަޒީފާއާބެހޭ ގާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ބަލިވެ އިނުމާއި ނުވަތަ ވިހެއުމާއި ގުޅިގެންދޭ 60 ދުވަހުގެ ޗުއްޓީއެއް މުވައްޒަފު ވިހާ ދުވަހުން ފެށިގެން ބަންދު ދުވަސްތައް ނުހިމަނައި، މުސާރައާއެކު ދެވޭނެ ކަމަށް އުސޫލުގައި ވެއެވެ.
އޭގެ އިތުރުން މުވައްޒަފު ވިހެއުމުގެ ދުވަސް ކައިރިވުމުގެ ސަބަބުން، ނުވަތަ ބައްޔެއް ވުމުގެ ސަބަބުން އޮފީހަށް ނިކުންނަން އުޒުރުވެރި ވާނަމަ، ވިހާނެ ކަމަށް ލަފާކުރާ ދުވަހުގެ ކުރިން ހިނގާ ގޮތަށް ވިހެއުމާއި ގުޅިގެންދޭ ޗުއްޓީގެ ހަ މަސް ދުވަހުން ނުކެނޑޭ ގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން ގިނަވެގެން 30 ދުވަހުގެ ޗުއްޓީއެއް މުސާރަ އާއެކު ދޭން ވަނީ ނިންމާފަ އެވެ.
މުވައްޒަފަކު ބަލިވެ އިނުމުގެ ސަބަބުން ވަޒީފާއަށް ނިކުތުމަށް އޭނާގެ ސިއްހީ ހާލަތު ތަން ނުދޭ ކަމަށް ބަޔާން ކުރާ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅައިފިނަމަ، ވިހެއުމުގެ ކުރިން ބަންދު ދުވަސްތައް ހިމަނައިގެން 28 ދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭ ގޮތަށް އެ މުވައްޒަފަށް ދެވޭނެ ކަމަށް ވެސް އެ އުސޫލުގައި ވަނީ ބަޔާންކޮށްފައި ވެއެވެ.
ފިރިހެން މުވައްޒަފަކަށް، ދަރިއަކު ލިބޭ ދުވަހުން ފެށިގެން މުސާރަ ލިބޭ ގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުސާރަ ލިބޭ ޗުއްޓީއެއް ދިނުމަށް ވަނީ ނިންމާފަ އެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ސިވިލް ސާވިސްގެ އަންހެން މުވައްޒަފުންނަށް ވިހެއުމާއި ގުޅިގެން ދޭ ޗުއްޓީ ނުވަތަ މެޓާނިޓީ ލީވް ހަ މަސް ދުވަހަށް އިތުރުކޮށް އަދި ބައްޕައިންނަށް ޕެޓާނިޓީ ލީވް އެއް މަސް ދުވަހަށް މުސާރަ ހިނގާ ގޮތަށް ހަމަޖައްސާފަ އެވެ.
ވިހެއުމާއި ގުޅިގެން މުސާރަ ހިނގާ ގޮތަށް މެޓާނިޓީ ލީވް ހަ މަސް ދުވަހަށް ދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެއް ވެސް މެއެވެ. އެގޮތުން ސަރުކާރުގެ ގިނަ މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަނުން އަންނަނީ ވިހެއުމުން ލިބޭ ޗުއްޓީ ހަ މަހަށް އިތުރު ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ