ކަނޑޫދޫ ރައްޔިތުން ބަލި މަޑުކަމެއްގެ ތެރޭގައި

ތ. ކަނޑޫދޫގައި ވައިރަލް ފީވާ އާއި ޑެންގީ ހުމާއި އަދި ޗިކަންގުންޔާ ފެތުރެން ފަށައި މުޅި ރަށަށް ބަލި މަޑުކަމެއް ފެތުރިއްޖެ އެވެ.
ކަނޑޫދޫ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ނަވާޒު ސީއެންއެމްއަށް ވިދާޅުވީ އެރަށުގައި ވައިރަށް ފީވާ އާއި ޑެންގީ ހުމާއި ޗިކަންގުންޔާ ފެތުރުމުން އަންނަ މިންވަރު އިތުރު ވަމުން އަންނަ ކަމަށެވެ.
ރަށު ހޮސްޕިޓަލުން ގިނަ ބަޔަކު ފަރުވާ ހޯދަމުން އަންނަ އިރު، އެރަށު ސިއްހީ މަރުކަޒުގައި އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ތ. ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް 15 މީހުން ފޮނުވާލާފައިވާ ކަމަށާއި އޭގެ ތެރެއިން 12 މީހުން އެރަށުގައި ވެސް އެޑްމިޓުކޮށްފައިވާ ކަމަށް ނަވާޒު ވަނީ ވިދާޅުވެފައެވެ.
ސީއެންއެމް އާ ވާހަކަ ދައްކަމުން ކަނޑޫދޫ ސިއްހީ މަރުކަޒުން ބުނީ ވައިރަލް ފީވާ ޖެހިގެން މިމަހު 58 މީހުން އެ މަރުކަޒުގައި ފަރުވާ ހޯދާފައިވާ ކަމަށެވެ.
ރަށުގައި ޑެންގީ ހުމާއި ޗިކަންގުންޔާ ފެތުރުމުގެ ސަބަބުން އެރަށު ޕްރީ ސުކޫލު ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ރަށު ސްކޫލު އަދި ބަންދުކޮށްފައި ނުވާ ކަމަށް ނަވާޒު ވަނީ ވިދާޅުވެފައެވެ.
ނަވާޒު ވިދާޅުވި ގޮތުގައި ޗިކަންގުންޔާ އާއި ޑެންގީ ކޮންޓުރޯލުކުރުމަށް ރަށު ކައުންސިލް އިދާރާއިންނާއި ސިއްހީ މަރުކަޒުން އަންނަނީ ރަށުތެރޭގައި ފޮގް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. ހަތް ސަތޭކަ އެއްހާ މީހުންގެ އާބާދީއެއް އޮންނަ ކަނޑޫދޫގައި ބަލިމަޑުކަން ފެތުރިފައިވާތީ ރަށުގެ ގިނަ ރައްޔިތުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ