އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު އަކްރަމްގެ ސަސްޕެންޝަން ވެސް އުވާލައިފި

ދައުލަތުގެ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ޚިޔާނާތުގެ ފައިސާ އިން ބައެއް ލިބުނު ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ސަސްޕެންޝަން ވެސް މިއަދު އުވާލައިފި އެވެ.
އޭސީސީ އިން އާއްމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާ ބެހުމުގައި ހަރަކާތްތެރިވި އެސްއޯއެފް އިން އަކްރަމްގެ އެކައުންޓަށް 30000 އެމެރިކާ ޑޮލަރު (ހަތަރު ލައްކަ ފަސްދޮޅަސް ދެހާސް ރުފިޔާ) ޖަމާކޮށްފައި ވެއެވެ.
އަކްރަމްގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ފައިސާ ޖަމާވިކަން ބޭޒާރު ވުމުން އޭނާ ސަސްޕެންޑް ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. އެދުވަހު ސަސްޕެންޑް ކުރި ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްގެ ސަސްޕެންޝަން ވެސް މިއަދު ވަނީ އުވާލާފައެވެ.
ސަސްޕެންޑްގައި ހުރި ނަމަވެސް އަކްރަމަށް ވެސް ފާއިތުވި ދެމަސް ދުވަހު މުސާރަ ދީފައިވެއެވެ.
އެމްއެމްޕީއާރްސީގެ ފައިސާ އިން ބައެއް ލިބުނު އަކްރަމް އަކީ އެފައިސާ ލިބުނު އިރު "ރާއްޖެޓީވީ" ގެ ޗެއާމަނެވެ.
ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވެމުން ދަނިކޮށް މަހްލޫފާއި އަކްރަމްގެ ސަސްޕެންޝަން އުވާލުމުން މިއަދު މީސް މީޑިއާގައި ގިނަ ބަޔަކު ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މަހްލޫފާއި އަކްރަމްގެ މައްޗަށް ތުހުމަތު ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ދެބޭފުޅުން ސަރުކާރުން އިސްތިއުފާ ދެއްވަން ޖެހެއެވެ. ނުވަތަ ރައީސް ޞާލިހް އެބޭފުޅުން މަގާމުން ދުރުކުރަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ