ފުލުހުންނަށް ހުރަސްއެޅި ތިން މީހަކު ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފި

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ތިން މީހަކަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށް ޝަރީއަތަށް ސާބިތުވުމާއި ގުޅިގެން ހުކުމް ކޮށްފައިވަނީ ޅ. ނައިފަރު، އުދަ، އަހްމަދު ނަޒީރު (23އ) އާއި އދ. ދަނގެތި، ޖަމްބުމާގެ، އަހްމަދު އާހިދު (37އ) ގެ އިތުރުން ހއ. ދިއްދޫ، އޯޓަމްވާދީ، އުބައިދުﷲ ސައީދު (29އ) ގެ މައްޗަށެވެ.
މި ތިން މީހުންގެ ތެރެއިން ނަޒީރު އާއި އާހިދުގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 2012 މާޗް 1 ވަނަ ދުވަހު، 2012 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ގޮތުން ބާއްވަން ހަމަޖެހިފައި އޮތް ޖަލްސާއާ ދިމާކޮށް މާލޭގެ މަގުތަކުގައި ހިންގި މުޒާހަރާގައި ބައިވެރިވެ، އަލިކިލެގެފާނުމަގާއި ލިލީމަގާއި ގުޅުނު ހަތަރު އަނގޮޅީގައި މީހުން އެއްވެފައިވާ ސަރަޙައްދުގައި ތިބެ، އެތަނުގައި ތިބި ފުލުހުން ހިފައިގެން ތިބި ޝީލްޑްތަކުގައި އެ ދެ މީހުންގެ އަތުންނާއި، ފައިން ތަޅައި، ޝީލްޑްތައް ކޮށްޕާ، ފުލުހުންގެ ސަފުތައް ފަޅާލާ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާކަން، އެވަގުތު އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުން ޝަރީއަތުގައި ދީފައިވާ ހެކިބަހުން ޝަރީއަތަށް ސާބިތުވެގެންނެވެ.
ޢުބައިދުﷲގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 2012 ޖޫން 22 ވަނަ ދުވަހުގެ 17:37 އެހާއިރު ބޭންކް އޮފް މޯލްޑިވްސް މެއިން ބްރާންޗް ކައިރީ ސަލާމަތީ ސަބަބުތަކަކަށްޓަކައި ފުލުހުން މަގު ބަންދުކުރުމަށް ޖަހާފައި ހުރި ބެރިކޭޑްތައް ބަންދުކޮށްފައިވާ ސަރަޙައްދަށް އޭނާ ގަދަކަމުން ވަދެ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާކަން އެވަގުތު އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުން ޝަރީއަތުގައި ދީފައިވާ ހެކިބަހުން ޝަރީއަތަށް ސާބިތުވެގެންނެވެ.
މި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ށ)ގެ އެއްވަނަ ނަންބަރާއި ދެވަނަ ނަންބަރުގެ ދަށުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށުން ނަޒީރު އާއި އާހިދުގެ އިތުރުން އުބައިދުﷲ ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި މި ކުށުގެ އުގޫބާތެއްގެ ގޮތުން ފުލުހުންގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން މިތިން މީހުންކުރެ ކޮންމެ މީހަކު 3000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.
މި ތިން މީހުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މައްސަލައިގެ ތަހުގީގު ނިންމާ ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ނިމިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 19 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ