ސްކޫލް ނިމޭއިރު އަމިއްލައަށް ވަޒީފާ އުފައްދަން އެނގެން ޖެހޭ: އެޑިއުކޭޝަން

ސްކޫލް ނިންމައިގެން ނުކުންނަ ކުއްޖާ އަމިއްލައަށް ވަޒީފާ އުފައްދަން ދަސްކުރަން ކުރަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ކެރިއަ ގައިޑެންސް ފެސިލިޓޭޓާސް ޓްރެއިނިންގް ވޯކްޝޮޕް ފައްޓައިދިނުމަށް ގާޒީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ ތައުލީމީ ނިޒާމުގެ ތެރެއިން ކުއްޖާ ނިކުންނަ އިރު، އޭނާއަށް މުސާރައިގެ ގޮތުގައި ލިބޭ 5000ރ. ހަރަދުކޮށްގެން ގޭގައި ހުރުމުގެ ބަދަލުގައި އަމިއްލައަށް ވަޒީފާ އުފައްދައިގެން ދިރިއުޅުން ބައްޓަން ކުރަން އެނގެން ޖެހޭ ކަމަށެވެ.
ވަޒީފާގެ މާހައުލުގައި ކެރިއަ ގަައިޑެންސްގެ މުހިއްމުކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އޭގެ ސަބަބުން ޒުވާނުންގެ ދިރިއުޅުން ބައްޓަން ކުރަންވީ ގޮތް އެގިގެންދާނެ ކަމަށެވެ. އަދި ސުކޫލް ދަރިވަރުންގެ އަހްލާގީ ފެންވަރު ރަނގަޅުކުރަން އިސްކަންދީގެން މަސައްކަތް ކުރަންޖެހޭ ކަމަށާ އެކަމުގެ އެންމެ ބޮޑު އެއްރޯލެއް އަދާ ކުރާބަޔަކީ ޓީޗަރުން ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
"ތައުލީމީ ނިޒާމްގައި އެންމެ ބޮޑު ރައުސުލްމާލަކީ ސުކޫލް ހިންގަން ތިބި ޕްރިންސިޕަލުންނާއި ޓީޗަރުން. އަޅުގަނޑުމެންގެ އެންމެ ބޮޑު އިންވެސްޓްމަންޓަކީ ވެސް އެއީ. އަޅުގަނޑުމެންނަށް މިއަދު ތައުލީމީ ނިޒާމުގެ ކުރިއެރުމެއް ހޯދިފައި މިވަނީ ވެސް ޕްރިންސިޕަލުންނާއި ޓީޗަރުންގެ މަސައްކަތުން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތައުލީމީ ދާއިރާގެ ކުރިއެރުމަށްޓަކައި ޕްރިންސިޕަލުންނާއި ޓީޗަރުން ކުރައްވާ މަސައްކަތުގެ އަގު ފައިސާއިން މިނާ ނުކިރޭނެ ކަމަށާއި އެއީ އެއަށް ވުރެ ބުރަ މަސައްކަތެއް ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި މިއަދު މިފެށި ޓްރެއިނިންގް ޕްރޮގްރާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ސުކޫލުތަކުގައި ކެރިއަ ގައިޑެންސް ކުރިއަށް ގެންދާނެގޮތުގެ ތަމްރީން ދީ، ހަރުދަނާ ފެސިލިޓޭޓުން ބިނާކުރުމަށް ފެށި ޕްރޮގްރާމް އެކެވެ. އަދި މި ޕްރޮގްރާމްގައި 35 ޓީޗަރުން ބައިވެރިވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ
.
މީގެ ދެ އަހަރު ކުރިން ފެށިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މިހާތަނަށް މާލޭގެ ސުކޫލުތަކުން 65 ޓީޗަރުން އަދި ރަށްރަށުގެ 18 ޓީޗަރުން ވަނީ ތަމްރީން ވެފަ އެވެ. އަދި 2012 ވަނަ އަހަރު 2،000އަށް ވުރެ ގިނަ ދަރިވަރުންނަށް ކެރިއަޗގައިޑެންސް ސެޝަންތައް ނަގައިދީފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ