ރިޔާސީ އިންތިހާބުގެ ވޯޓް އޮޅުވާލިކަން މިއަދު ކަށަވަރުވެއްޖެ: ނަޝީދު

ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓްތައް މިއަދު ބަލައިލުމުން ރިޔާސީ އިންތިހާބުގެ ވޯޓް ސުޕްރީމް ކޯޓް މެދުވެރިކޮށް އޮޅުވާލާފައިވާ ކަށަވަރު ކުރެވިއްޖެ ކަމަށް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނާ ވާދަ ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބުގައި ވޯޓް ދެއްވުމަށް މިއަދު ވަޑައިގެން ވޯޓް ދެއްވުމަށްފަހު އެމަނިކުފާނު ނޫސްވެރިނާ ބައްދަލު ކުރައްވާ ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވޯޓް ހައްގުވާ މީހުންގެ ލިސްޓްގައި ފޮޓޯ ނެތް މީހުންތަކެއް ގިނަ އަދަދަކަށް ފެންނަން އެބަހުރި ކަމަށައި އޭގެ ސަބަބުން ދުނިޔޭގައި ނެތް ބަޔަކު ނުވަތަ އުފަން ނުވާ ބަޔަކު ރިޔާސީ އިންތިހާބުގައި ވޯޓްލާފައިވާ ކަމަށް ކުރެވޭ ޝައްކުތައް ކަށަވަރުވެފައިވާ ކަމަށެވެ.
"ރިޔާސީ އިންތިހާބުގައި ވޯޓް ދިން މީހުންގެ ލިސްޓެއް ލިބިފައި އެބަވޭ. ހުރިހާ ކެންޑިޑޭޓުންނަށް. ވޯޓް ދިން މީހުންގެ ތެރޭގައި ފޮޓޯ ނެތް އައިޑީކާޑްތަކުން މިހާރު ފެންނަން އެހުރި މީހުން ވޯޓް ދީފައި އެބަވޭ. އެހެންވީމާ އަޅުގަނޑަށް ވަރަށް ބޮޑަށް އެބަ ކަށަވަރު ކުރެވޭ ރިޔާސީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއްވާ ކަމަށް ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓްގައި ރިޔާސީ އިންތިހާބާ އަޅާބަލާއިރުގައި ވޯޓް ހައްގުވާ މީހުންގެ އަދަދު ކުޑަކުޑަ ފަރަގެއް އެބަހުރި. އެހެންނަމަވެސް އެއަށް ވުރެ ބޮޑަށް ފޮޓޯ ނެތް މީހުން ލިސްޓްގައި ހުރެފައި އެމީހުންނަކީ ހަގީގަތުގައި ނެތް މީހުން ކަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު މިތަނުން ގަލޮޅުގެ ލިސްޓް ބަލައިލި އިރުވެސް ސަމިއްޔާ، ދުންފިނިގެ، އޭގޭގެ ސިއްތި ވެސް އަޅުގަނޑަކަށް ހީއެއްނުވޭ މިހާރު ހުންނެވި ހެނެއް އެހެންވީމާ އަޅުގަނޑަށް ފެންނަނެފުނުގައި ފޮޓޯ ނެތް އައިޑީ ކާޑްތަކަކީ ނެތް މީހުންގެ އައިޑީ ކާޑްތަކެއް. ވޯޓް އޮޅުވާލުމުގެ ބޭނުމުގައި ޑީއެންއާރްގެ ލިސްޓްގައި ހިމެނުނު ނަންތަކެއް ސުޕްރީމް ކޯޓުމެދުވެރިކޮށް ވޯޓް އޮޅުވާލުމަށް ކުރި ކަންކަން މި ވޯޓްގެ ތެރެއިން މިދަނީ ފެންނަމުން،"
ކުރީގެ ރައީސް ވިދާޅުވީ މި ކަންކަން މިއަދު ފާހަގަވެ ކަށަވަރުވެވަޑައިގަތުމުން އެމްޑީޕީގެ ގުނަންތަކާ މަޝްވަރާ ކުރައްވާނެ ކަމަށާއި އެކަމާ ގުޅިގެން ޝަރީއަތަށް ވެސް ދާންޖެހޭނެ ކަމަށެވެ.
"ހަގީގަތުގއި ޝަރީއަތަށް ވެސް އަޅުގަނޑުމެންދާނެޖހޭ އަދި މިކަމާ އެބަ އަޑު އުފުލަން ޖެހޭ. ސާފުކޮށް މި ވޯޓަށް ވީގޮތް އަޅުގަނޑުމެން އެބަ އޮޅުން ފިލުވަންޖެހޭ. ސުޕްރީމް ކޯޓް މެދުވެރިކޮށްގެން ވޯޓްގެ އޮޅުވާލުންތަކެއްވާ ކަމަށް އަބަދުވެސް ޝައްކު ކުރެވެމުން އައީ މިހާރު މި މައުލޫމާތާއެކު އެކަން އެބަ ކަށަވަރު ކުރެވޭ. ނަތީޖާ އޮޅުވާލާފައި ވަނީވިއްޔަކާ ރިޔާސީ އިންތިހާބުގެ އެ ނަތީޖާއެއް ގަބޫލެއް ނުކުރެވޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މިއަދު ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓްލާ ނިމޭއިރު ގިނަ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް އިޝާރާ ކުރައްވާ އެމަނިކުފާނު ވިދާޅުވީ މިއަދު ވޯޓްލާން ނުކުތް މީހުން އަދަދު މަދުވެފައި ވަނީ ދެ ސަބަބެއް އޮވެގެން ކަމަށެވެ.
"ދެ ކަމެއް އޮތީ. އެ އުޅެނީ ކުރީ ފަހަރު އުފަން ނުވާ މީހުން ވެސް ވޯޓްލުމުން މީހުން ގިނަވި ވުމާއި މަޖިލިސް އިންތިހާބާ ރިޔާސީ އިންތިހާބާ އަޅާބަލާއިރު ޝައުގުވެރިކަން ކުޑަ އިންތިހާބަކަށް ވުމުގެ މައްސަލަ. އަޅުގަނޑަކަށް ހީއެއް ނުވޭ 60 ޕަސެންޓަށްވުރެ މަތިވެދާނެހެނެއް މިއަދު ވޯޓްލާން ނުކުންނަ މީހުންގެ އަދަދު. އެކަމަކު އެއީ މިކަހަލަ އިންތިހާބަކާ އަޅާ ބަލާއިރު ރަނގަޅު ޕަސެންޓޭޖެއް،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ