ޕީޕީއެމް ފެއިލްވެއްޖެނަމަ މުޅިގައުމު ފެއިލްވެގެންދާނެ: ރައީސް މައުމޫނު

މިއަހަރުގެ ރިޔާސީ އިންތިހާބަކީ ސިޔާސީ ކަމެއް ނޫންކަމަށާއި މިއީ ޤައުމީ އިމްތިހާނެއްކަމަށާއި މިއިމްތިހާބުގައި ޕީޕީއެމް ފެއިލްވެއްޖެނަމަ ދެން މުޅިގައުމުވެސްދާނީ ފެއިލްވަމުންކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ކޯލިޝަނުންރޭ ހެދިގޮނޑުދޮށުގައި ބޭއްވި ޖަލްސާގައި ރައީސް މައުމޫނު ވިދާޅުވީ ކުރިއަށް އޮތް އިންތިހާބަކީ ސިޔާސީކަމެއް ނޫންކަމާއި އެއީ ގައުމީ އިމްތިހާނެއްކަމަށާއި އެކަމުގައި ގައުމުގެ މަސްލަހަތު ވަރަށްބޮޑަށް އެކުލެވިގެންވާކަމުގައެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ދިވެހިރާއްޖެ އޮންނާނެގޮތް ފެނިގެންދާނީ ސެޕްޓެމްބަރު ހަތެއްގައި ވޯޓްދޭ ގޮތަކުންކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަތުގައޮތީ ދިވެހިރާއްޖެއަށް ތަރައްޤީއާއި ކުރިއެރުން ހޯދައި ދިނުން، ނުވަތަ ދިވެހިރާއްޖެ މިހާރު ގޮަސްފައިވާ ހިސާބައްވުރެ ފަހަތައް ގެންދިއުން، މިކަމަކީ އަޅުގަނޑުމެންގެ އަތްމަތީގަ މިއަދު އޮތްކަމެއް، އެހެންވީމަ މި އިމްތިހާނަކީ އަޅުގަނޑުމެން އެންމެންވެސް ދެކެންޖެނޭނީ ގައުމީ އިމްތިހާނެއްގެ ގޮތުގައި" ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ދިވެހި ރާއްޖެ އޮންނާނީ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައިތޯ ނުވަތަ ނޫންތޯ އަދި ދިވެހިރާއްޖެ އޮންނާނީ ސައްތައިންސައްތަ މުސްލިމް ގައުމެއްގެ ގޮތުގައިތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ރައްޔިތުންދޭ ވޯޓުންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ