ވެރިކަން ހޯދާ ދިން ފަރާތްތަކުގެ ހަނދާން ނައްތާނުލުމަށް އެދިވަޑައިގެން މައުމޫނަށް ސިޓީއެއް ފޮނުއްވައިފި

ވެރިކަން ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވި ފަރާތްތަކުގެ މަތިން ހަނދުމަފުޅު ނައްތައިނުލައްވާ އެފަރާތްތަކަށް ލިބިދޭންޖެހޭ ހައްގުތައް އަދާކޮށްދިނުމަށް އެދި ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލް ގައްޔޫމަށް ޖުމްހޫރީ ޕާޓީގެ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ސިޓީއެއް ފޮނުއްވައިފި އެވެ.
ރައީސް މައުމޫނަށް އިބްރާހިމް ހަސަން ފޮނުއްވާފައިވާ މިސިޓީގައި މިހާރުގެ ސަރުކާރު ގެނައުމަށް އެކުގައި މަސައްކަތްކުރި ޕާޓީތަކާއި އެކުވެފައިވާ އެއްބަސްވުމަށް އިހްތިރާމްކުރަމުން ނުގެންދާ ކަމަށާ އެކަންކަމާއިމެދު ވިސްނާވަޑައިގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
އެގޮތުން ސަރުކާރު ހިންގާ ޕާޓީގެ ހައިސިއްޔަތުން ރައީސް މައުމޫން ސޮއިކުރައްވާ ޖުމްހުރީ ޕާޓީއާއިއެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ސަރުކާރުން އަމަލުކުރަމުން ނުގެންދާއިރު އެއްބަސްވުމާއި ހިލާފަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ތައުލީމީ ގާބިލް އެތަށް ބޭފުޅަކު ވަޒީފާއިން ވަކިކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ.
އެ ބޭފުޅުން ވަޒީފާއިން ވަކިކުރައްވާފައިވަނީ ހަމައެކަނި އެބޭފުޅުން ޖުމުހޫރީ ޕާޓީގެ ސްލޮޓް ތަކުގައި މަގާމުގައި ތިއްބެވީތީވެ އެއީ ސަބަބެއް ކަމަށް ބައްލަވާފައި ކަމަށް ވުމީ އެއްގޮތަކަށްވެސް އަދުލުވެރި އިންސާފުވެރި ނިންމުމެއް ކަމަށް އެއްވެސް ދިވެހި ރައްޔިތަކު ގަބޫލު ނުކުރާނެކަން ރައީސް މައުމޫނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށް ޔަގީން ކުރައްވާކަމަށް ވެސް ސިޓީގައިވެ އެވެ.
މީގެ އިތުރުން ވެރިކަމުގެ ޝާނާ ޝައުކަތު ލިބި، ވެރިކަމުގެ ބާރުވެރިކަން ލިބުމުން އެމަގަށް މަސައްކަތްކޮށްދެއްވި ފަރާތްތަކުގެ މަތިން ހަނދާން ނައްތަވާނުލައްވާ އެފަރާތްތަކަށް ލިބިދޭންޖެހޭ ހައްގުތައް އަދާކުރެއްވުމަށްވެސް އިބްރާހިމް ހަސަންގެ ސިޓީގައި ވަނީ ރައީސް މައުމޫނަށް އިލްތިމާސް ދަންނަވާފަ އެވެ. އަދި އެފަރާތްތަކަށް ލިބިދޭންޖެހޭ ހައްގުތައް އަދާކޮށްދެއްވުމާއިއެކު ސުލްހަވެރި އަމާންވެއްޓެއް ގާއިމްކޮށް، ވެރިކަން ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވި ފަރާތްތަކާއިއެކު ދެމިތިބުމަށް ބާރުއަޅުއްވާ، ކަންކަން ހެޔޮމަގަށް އެޅުވުމަށް އަމަލީ މަސައްކަތްތަކެއް ކޮށްދެއްވުމަކީ ޕީޕީއެމް ސަރުކާރު ގެނައުމަށް މަސައްކަތްކޮށްދެއްވި ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަމަށްވެސް ސިޓީގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ