ޕީޕީއެމްގެ ސަރުކާރެއްގައި ޖީއެމްއާރު އަނބުރާ ގެންނާނެ ކަމަށް ބުނެފައެއް ނުވާނެ: ރައީސް މައުމޫނު

ޕީޕީއެމްގެ ސަރުކާރެއްގައި ޖީއެމްއާރުން އާ ޕްރޮޕޯސަލަކާއެކު އަތުވެއްޖެ ނަމަ ބަލައިގަންނާނެ ކަމަށް ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުގައި ޝާއިއުކޮށްފައިވާ ވާހަކަތައް އެމަނިކުފާނު ދޮގު ކުރައްވައިފިއެވެ.
މެލޭޝިޔާގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވުމަށްފަހު މިރޭ މާލެ ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެފަދަ ވާހަކައެއް ދައްކަވާފައިވެސް ނުވާނެ ކަމަށެވެ.
"އިންޓަވިއުތަކުގައި ދެކެވޭ ވާހަކަ އެކި ނޫހުން ޖަހާނީ އެކި ގޮތަށް، އެހެންވީމާ އަޅުގަނޑު އެއްވެސް ހާލެއްގައި ނުބުނަން ޕީޕީއެމަށް، މިދެންނެވީ ޖީއެމްއާރަށް ޕީޕީއެމް ސަރުކާރެއްގައި އެއާޕޯޓު ދޭނަމެކޭ. އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކަން. ހަގީގަތުގައި އަޅުގަނޑުގެ ހިޔާލެއް ފާޅެއް ނުވެސް ކުރަން. އެމީހުން އެމީހުންނަށް ދިމާވި ކަންތައްތަކައި ބެހޭ ގޮތުން އެމީހުންގެ ޝުއޫރުތައް ފާޅު ކުރި އަޅުގަނޑު އަޑުއަހަން އިނިން. އެހެން ނަމަވެސް ކުރިއަށް އޮތް ތާގައި ޕީޕީއެމް ސަރުކާރުން ކަންތައް ކުރާނީ އެހެނޭ މިހެނޭ ނުބުނަން، އަޅުގަނޑަކީ ޕީޕީއެމް ސަރުކާރަށް ނިސްބަތްވާ މީހެއް ވެސް ނޫން، އަދި ޕީޕީއެމްގެ ސަރުކާރެއް ނުވެސް އާދޭ،" ރައީސް މައުމޫނު ވިދާޅުވިއެވެ.
ނަމަވެސް ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ބޭނުންވާ ކަމަށާއި ޕީޕީއެމްގެ ސަރުކާރެއްގައި އިންވެސްޓަރުންނަށް ޔަގީންކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. އަދި އެއީ ވަކި ބަޔަކަށް ނުވަތަ ވަކި ގައުމަކަށް ކަމެއް ކޮށްދިނުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
ޖީއެމްއާރު މައްސަލާގައި މަޝްވަރާ ކުރަން ޕީޕިއެމުން އެދުނު ކަމަށް ވިދާޅުވި ވިދާޅުވުން ސަރުކާރުން ދޮގު ކޮށްފައިވާތީ ރައީސް މައުމޫނު ވިދާޅުވީ ޕީޕީއެމުން އެގޮތަށް ދަންނަވާފައިވާނީ ލިޔުމުން ކަމަށާއި އެލިޔުން މިހާރު ވެސް އޮންނާނެ ކަމަށެވެ.
އެގޮތުން ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ޕާޓީތަކުން ދެކޭ ގޮތް ހޯދަން އެދިވަޑައިގަތުމުން، ޕީޕީއެމްގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު ދެކަމެއް ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ސިޓީއަކުން އަނގާފައިވާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ފުރަތަމަ ކަމަކަށް އެއްބަސްވުން އުވާލަން ދަންނަވާފައިވާނެ ކަމަށާއި އެއާއި އެކު ދެގައުމުގެ ދެމެދުގައި މަޝްވަރާ ކުރަން އެދިފައިވާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ