އައިއޭއެސްގެ އިންޖިނިއަރެއްގެ ލައިސަންސް ބާތިލްކޮށްފައި ނުވާ ކަމަށް ބުނެފި

ދިވެހި އެއާކްރާފްޓް އިންޖިނޭރުންތަކެއް އެމީހުން ހެދި ބައިނަލްއަގްވާމީ އިމްތިހާނެއްގައި ކޮޕީކުރުމާ ގުޅިގެން ލައިސަންސް ބާތިލްކޮށްފައި ވީނަމަވެސް ލައިސަންސް ބާތިލްކުރެވުނު އިންޖިނިއަރުން ތެރޭގައި އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ އިންޖިނިއަރެއް ނުހިމެނޭ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އައިލެންޑް އޭވިއޭޝަނުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ އެކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ މޯލްޑިވިއަންގެ ބޯޓްގައި ދަތުރުކުރާ ފަސިންޖަރުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ. ފަސިންޖަރުންގެ ސަލާމަތާ ރައްކާތެރިކަމަށް ބުރޫއަރާނެ އެއްވެސް ކަމެއް އެ ކުންފުނީގެ ސްޓާފުންގެ ފަރާތުން ފެނިގެން ނުދާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.
ލައިސަންސް ބާތިލްކުރި ދިވެހި އިންޖިނޭރުން މަކަރުހަދާ ކޮޕީކުރުމުގެ ކަންތައްތަކެއް ހިންގާފައިވަނީ ގްރީސްގެ ހެލެނިކް އޭވިއޭޝަން ޓްރެއިނިން އެކަޑަމީ (ހާޓާ) އިން އެއާކްރާފްޓް އިންޖިނޭރުންނަށް ލައިސަންސް ދިނުމަށް ދޫކުރާ ބައިނަލްއަގުވާމީ އިމްތިހާނެއްގަ އެވެ. މަކަރު ހެދި ކަމަށް ބުނާ ދިވެހި އިންޖިނޭރުން މި އިމްތިހާނު ހަދާފައިވަނީ މިދިޔަ އަހަރާއި 2012 ވަނަ އަހަރު އެވެ.
އެ މައްސަލައާއި ގުޅިގެން ގްރީސްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދިވެހި އިންޖިނޭރުން ހަދާފައިވާ ޓެސްޓްތައް ބާތިލްކޮށްފައިވާ ކަމަށާއި އެ ޓެސްޓުތަކުގެ ނަތީޖާ ތަކަށް ބަލާ ދުކޮށްފައިޥާ ލައިސަންސްތައް ހިފަހައްޓާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ދިވެހި 12 އިންޖިނޭރެއްގެ ލައިސަންސް ބާތިލްކޮށްފައިވާ ކަން ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސް ބޭފުޅަކު ވެސް ރޭ ވަނީ ވީނިއުސްއަށް ޔަގީންކޮށްދެއްވާފަ އެވެ. އަދި އެމީހުން ހަދާފައިވާ އިމްތިހާނުގައި އޮޅުވާލާފައިވާތީ އެމައްސަލަ ތަހުގީގުކުރަމުންދާ ކަން ސީއޭއޭ އިން ރާއްޖޭގެ ސިވިލްއޭވިއޭޝަން އޮތޯރިޓީއަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ